ޚަބަރު

މުޢާސަލާތީ ޚިދުމަތް: އަދުގެ ދިރިއުޅުމުގެ މުހިއްމު ބައިވެރިއެއް



މުޢާސަލާތީ ޚިދުމަތްތަކާއި، ވަޞީލަތްތަކަކީ މިއަދު އެއާނުލާ އަޅުގަނޑުމެންގެ ދިރިއުޅުން ފުރިހަމަނުވާނެ އެއްޗެކެވެ. ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި، ތަފާތު ޚިދުމަތްތައް ހޯދުމުގައި މުޢާސަލާތީ ވަސީލަތްތައް އަންނަނީ މުހިއްމު ދަޢުރެއް އަދާކުރަމުންނެވެ. ދުރުތާތިބޭ މީހުން އަޅުގަނޑުމެންނާއި ގާތްކޮށްދޭ މެދުވެރިއަކީވެސް މުޢާސަލާތީ ވަޞީލަތްތަކެވެ.

ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 17 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ބައިނަލްއަޤްވާމީ މުޢާސަލާތީ ދުވަހުގެގޮތުގައެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ މުޢާސަލާތީ ގޮތުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާއި، މި ދާއިރާ ފުޅާކުރުމަށް އުފައްދާފައިވާ އިޖާދުތަކާއި، ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.

ވޯލްޑް ޓެލެކޮމިއުނިކޭޝަން ޑޭ ނުވަތަ ދުނިޔޭގެ މުޢާސަލާތީ ދުވަސް ފާހަގަކުރަމުންދަނީ 1865 ވަނަ އަހަރު ސޮއިކުރެވުނު ފުރަތަމަ އިންޓަރނޭޝަނަލް ޓެލެގްރާފް ކޮންވެންޝަނާއި، ހަމައެއަހަރު އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން، އައި.ޓީ.ޔޫ ވުޖޫދުވުމާގުޅުވައިގެން 1969 ވަނަ އަހަރުން ފެށިގެންނެވެ. 2005 ވަނަ އަހަރާއި ހަމައަށް މި ނަމުގައި މި ދުވަސް ފާހަގަކުރިނަމަވެސް، 2006 ވަނަ އަހަރުން ފެށިގެން މި ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ގޮތުގައެވެ.

މިއަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޑިޖިޓަލް ޓެކްނޮލޮޖީސް ފޯރ އޯލްޑަރ ޕަރސަންސް އެންޑް ހެލްތީ އޭޖިންގ" ނުވަތަ ދޮށީ އުމުރުގެ މީހުން ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުކުރުވުމުގެ މުހިއްމުކަމުގެ މައްޗަށެވެ. މިއަހަރުގެ ޝިޢާރުން ބާރުއަޅަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، މާލީގޮތުން މީހުން ބާރުވެރިކުރުވުމުގައި މުޢާސަލާތީ ވަސީލަތްތަކާއި، އައި.ސީ.ޓީ ދާއިރާއިން އަދާކުރާ މުހިއްމު ދައުރާމެދު ހޭލުންތެރިކުރުމަށެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ދޮށީ ޢުމުރުގެ ދިރިއުޅުމެއް އުޅުމަށް އެހީތެރިވުމަކީ، އިޤްތިޞާދީ އަދި ޞިއްޙީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައިވެސް ވަރަށް މުހިންމުކަމެކެވެ. ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ ދޮށީ އުމުރުގެ މީހުންނާއިވެސް ރައްޓެހި ވަޞީލަތްތަކަކަށް ހެދުމަށް އައި.ޓީ.ޔޫއިން އަންނަނީ ބާރުއަޅަމުންނެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދޮށީ ޢުމުރުގެ މީހުން ބިނާކުރުމުގައި އައި.ސީ.ޓީ ދާއިރާ މުހިންމު ދައުރެއް އަދާކުރެއެވެ.

ހަމައެހެންމެ ސްމާރޓް ސިޓީތައް ބިނާކުރުމަށާއި، ވަޒީފާގެ މާހައުލުގައި ޢުމުރުން ދުވަސްވީ މީހުންގެ ތަފާތުކުރުންތައް ނައްތައިލުމަށާއި، ޢުމުރުން ދުވަސްވީ މީހުންގެ މާލީ ޝާމިލުވުން ކަށަވަރުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ކެއަރވޯކަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދައުރު މިއަދު މިވަނީ އެތައްގުނައެއް އިތުރުވެފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އެއްގޮތަށް ދިވެހި ރާއްޖެވެސް މިދަނީ މުޢާސަލާތީ ރޮނގުން ކުރިއެރުންތައް ހޯދަމުންނެވެ. ޒަމާނީ މުޢާސަލާތީ ޚިދުމަތްތަކުގެ ބޭނުން ހިފާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފޯނާއި އިންޓަރނެޓުގެ ތަނަވަސްކަމާއެކު ޚިދުމަތްދޭ ހުރިހާ އިދާރާތަކެއްހެން މުޢާސަލާތީ ވަޞީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.

މީގެތެރޭގައި ސްކޫލްތަކާއި، ސިއްޙީ ޚިދުމަތްތައް އެއްވިއުގައިން ގުޅާލުމާއި، ވިޔަފާރިގެ ގުޅުންތަކާއި، 24 ގަޑިއިރު ޚިދުމަތްދޭ ޕޯޓަލްތައް އުފެއްދުމާއި، ފައިސާގެ މުޢާމަލާތްތައްވެސް މިހާރު މުޅިންހެން ހިންގަނީ އޮންލައިންކޮށެވެ. މުޢާސަލާތީ ވަސީލަތްތައް ރައްކާތެރިކަމާއިއެކު، އަދި އެންމެ ފައިދާވާނެހެން ބޭނުންކުރުމަކީ މުހިއްމުކަމެކެވެ.