ދުނިޔޭގެ ވިޔަފާރި

އެމިރޭޓްސްއަށް މިދިޔަ އަހަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް


މެދުއިރުމަތީގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމިރޭޓްސްއަށް މިދިޔަ އަހަރު 1 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެއެވެ.

މިއީ 2020ވަނަ އަހަރު އެކުންފުންޏަށް ލިބުުނު ގެއްލުމުގެ ޢަދަދާ އަޅައި ބަލާއިރު ކުޑަ އަދަދެކެވެ. އެގޮތުން އެ އަހަރު އެކުންފުންޏަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.

އެމިރޭޓްސްގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ އެއަރލައިނަށްވަނީ 16.1 ބިލިއަން ޑޮލަރުގެ އާމްނީއެއް ލިބިފައެވެ. މިއީ 2020ވަނަ އަހަރާއި އަޅާބަލާއިރު %91 އިތުރު އަދަދެކެވެ. ކޯވިޑްގެ ޕެންޑަމިކަށްފަހު މީހުން ދަތުރުކުރާ މިންވަރު އިތުރުވަމުން ދިޔުމާއި ގުޅިގެން ކުންފުނިދަނީ އޮޕަރޭޝަން ފުޅާކުރަމުންނެވެ. އެގޮތުން ދަތުރުތައް ހުއްޓިފައިވާ މަންޒިލްތަކަށް އަލުން ދަތުރުތައް ދަނީ ފަށަމުންނެވެ. އެމިރޭޓްސް އަމާޒަކީ މިއަހަރުތެރޭ އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމެވެ. އެހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ޖެޓު ފިއުލްގެ އަގު ބޮޑުވެފައިވުމާއި، ސިޔާސީ ގޮތުންނާއި އިޤްތިސާދީގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަން އެމިރޭޓްސްއިން ފާހަގަކުރެއެވެ.

2020ވަނަ އަހަރާއި 2021ވަަނަ އެމިރޭޓްސް ހިންގުމުގެ ޚަރަދުގެތެރެއިން ތެލަށް ޚަރަދުވެފައިވަނީ ޖުމްލަ ޚަރަދުގެ %14އެވެ. އެހެންނަމަވެސް މި ޢަދަދު މިހާރުވަނީ %23އަށް އިތުރުވެފައެވެ.

ޕެންޑަމިކަށްފަހު ޤައުމުތަކުގެ އިޤްތިސާދީ ހާލަތު ރަނގަޅުވަމުން ދިޔުމާއެކު އެމިރޭޓްސްއިންވެސް ދަތުރުތައް ކުރާ މަންޒިލްތަކުގެ އަދަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުުން އެމިރޭޓްސްއިން މިހާރުދަނީ 140 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ.