ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގެ ދަށުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ، އއ. މަތިވެރި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގައި ހައްޔަރުކޮށްފައިވާ ހަ މީހުންކަމަށެވެ. އަދި އެއީ ދިވެހި ފަސް ފިރިހެނުންނާއި ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ މީހުންތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ހޮޅިކޮޅު ފެނިފައިވާކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، މަތިވެރީގައި ހިންގި އޮޕަރޭޝަނަކީވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރެއިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން މި މަހު 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ތިން މައްސަލަވެސް މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުންވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ މުއަމަލާތްކުރުމާއި އެ ބޭނުންކުރުމުގެ މައްސަަލަތައް ރާއްޖޭގައި މިދުވަސްރު އިތުރުވެފައިވާއިރު މިކަން ހުއްޓުވުމުގެ ގޮތުން ފުލުހުން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.