ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާޔިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލްމަރްހޫމް ޚަލީފާ ބިން ޒާޔިދު އާލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުގައެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ޤައުމީ ދިދަ އިއްޔެއިން ފެށިގެން 3 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސްގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސޮއިކުރައްވާފައެވެ. ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޔޫ.އޭ.އީ.ގެ ރައީސް އަކީ އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫ.އޭ.އީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.