ވިޔަފާރި

ސްރީލަންކަންގެ ދަތުރުތަކާއެކު ރެކޯޑް ޢަދަދެއްގެ ފަތުރުވެރިން އައްޑޫސިޓީއަށް


ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް ފެށިފަހުން، އައްޑޫސިޓީ ގަމަށް ސީދާއައި އެންމެ ބޮޑު ފަތުރުވެރިންގެ ގްރޫޕު އައިސްފިއެވެ.

އީއްޔެ ބޭއްވި ސްރީލަންކަން އެއަލައިންސް ފްލައިޓުން އައި މިފަތުރުވެރިންނަކީ، އޭސް އެވިއޭޝަންގެ ފަރާތުން އިންތިޒާމުތައް ހަމަޖައްސައިގެން ގެނައި ފަތުރުވެރިންގެ ގްރޫޕެކެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭސްއޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ، އިއްޔެ އައި ގްރޫޕުގައި 60 ފަތުރުވެރިން ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގްރޫޕްތައް އައުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭސްއެވިއޭޝަންގެ އެމްޑީ ފިރާޤް ވިދާޅުވި ގޮތުގައި، މިހާތަނަށް 11 ފަތުރުވެރިންގެ ބެޗު ކޮންފާމް ކުރެވިފައިވެއެވެ. ނަމަވެސް އެ ބެޗުތަކުގައި އަންނާނެ ޢަދަދެއް އަދި ފަތުރުވެރިން އައުމަށް ހަމަޖެހިފައިވާ ޤައުމުތަކެއް ފިރާޤް ހާމައެއް ނުކުރައްވަފައެވެ.

އޭސްއެވިއޭޝަނުން ފާހަގަކުރި ގޮތުގައި މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއިއެކު ފެށުނު މަސައްކަތެކެވެ. އެގޮތުން ސްރީލަންކަން އެއަރލައިންސް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫގައި ކޯވިޑުގެ ހާލަތާ ގުޅިގެން އެއްކޮށް ބަނދުނުކޮށް އޮތް ސައުތުޕާމް ރިސޯޓުގެ އެހީތެރިކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ސްރީލަންކަން އެއަރލައިންސްއިން ވިދާޅުވި ގޮތުގައި މިއީ ކޯވިޑުގެ ފަހުން، އައްޑޫއަށް ދަތުރުތަށް ފެށުމާއިއެކު އައްޑޫއަށް އެއެއަރލައިނުން ގެނެއި އެންމެ ބޮޑު ފަތުރުވެރިންގެ ބެޗު ކަމަށެވެ. އެގޮތުން މި ފަތުރުވެރިންގެ ބެޗު އައިސްފައިވަނީ އިންޑިއާގެ ނިއުދިއްލީން ކަމަށް ސްރީލަންކަން އެއަރލައިންސްއިން ހާމަކުރެއެވެ.

އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތަކެވެ. މިއާއެކު ސްރީލަންކަންގެ ދަތުރުތައް އަލުން ގަމަށް ފެށިފައިވާއިރު، މިމަހުގެ 10 އިން ފެށިގެން ސްރީލަންކަން އިން ވަނީ ހަފްތާއަކު ދެ ފްލައިޓު ގަމަށް އަޅާ ގޮތަށް ނިންމާފައެވެ.

ސްރީލަންކަން އެއަރލައިންސް އަކީ މިވަގުތު ގަމަށް ޖައްސާ ހަމައެކަނި ބައިނަލްއަޤްވާމީ އެއަރލައިން ކަމަށްވީހިނދު އެއަރލައިންގެ ދަތުރުތަކަށް ކަނެކްޓިވިޓީ ދިނުމަށް މަންޓާ އެއަރ އިން ވަނީ އެއްބަސްވެފައެވެ. މިއާއެކު މަންޓާ އެއަރއިން ކޮންމެ ދުވަހަކު އެއް ދަތުރު ގަމަށް ކުރެއެވެ.