މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލާއި އެތެރެކުރި މުދަލުގެ ޢަދަދު އިތުރުވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %37 އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޭޕްރީލްމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން 265 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ވަނީ ލިބިފައެވެ. މިއަހަރުގެ އޭޕްރީލްމަހު މިޢަދަދުވަނީ 362 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއަދަދު މިއަހަރު އޭޕްރީލްމަހުވަނީ 4.7 ބިލިއަނަށް އިތުރުވެފައެވެ. މިއީ %63ގެ ކުރިއެރުމެކެވެ.
މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، މެލޭޝިއާއިންނެވެ. މިދިޔަމަހު ރާއްޖެއަށް އެތެރެކޮށްފައިވާ ޖުމްލަ މުދަލުގެ %30އަކީ އޮމާނުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލެވެ. އިންޑިއާއިން %14 ހިއްސާކުރާއިރު، ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ %11 ހިއްސާ ކުރަނީ ޔޫއޭއީއިންނެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއިން 170 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ އޭޕްރީލްމަހު މި އަދަދު ހުރީ 231 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ %36ގެ އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށާއި، ޖަރުމަންވިލާތާއި، އިންޑިއާ އަދި އިޓަލީއަށެވެ. ރާޢްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑްއަށެވެ. އެއީ ބޭރުކުރި މުދަލުގެ %62އެވެ. ދެން އެންމެ ގިނަ މުދާ ބޭރުކުރި ޖަރުމަންވިލާތަށް %7 މުދާ ވަނީ ބޭރުކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ އިންޑިއާއަށެވެ. އެޤައުމަށްވަނީ %6 މުދާ ބޭރުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 109 އުޅަނދެއް އައިސްފައިވެއެވެ. އަދި 109 އުޅަނދެއް ފުރާފައިވެއެވެ.