ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 8:15 އިން ފެށިގެން މެންދުރު 14:00 ގެ ނިޔަލަށެވެ. މި ގަޑިތަކުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި، 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އެ ސަރަޙައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
Alert white for strong winds of 19 – 24 mph with rough seas. pic.twitter.com/VCep0fWRuz
— Maldives Meteorology (@MetMaldives) May 15, 2022
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ، އިއްޔެއާއި ބަލާފައި މިއަދު ވައިމަޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އެވަރެޖްކޮށް ވައިޖެހޭނެކަމަށް ލަފާކުރެވީ 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން ވައިމަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށާއި، ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މިއަދު ބޮޑަށް ކުރާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓު ހުންނާނެކަމަށެވެ.
މެޓް އޮފީހުގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން އެންމެގިނައިން ވާރޭވެހިފައިވަނީ ށ. ފުނަދޫއަށެވެ. އެރަށަށް 41.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ އެއަތޮޅު ކޮމަންޑޫއަށެވެ. އެއީ 31 މިލިމީޓަރުގެ ވާރޭއެވެ.
ރާއްޖެއަށް މިހާރު ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަޔާއެކު ވައިގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެ ރައްކާތެރިވެތިބުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވާފައިވެއެވެ.