ދުނިޔެ

ރަޝީޔާގެ އަސްކަރިއްޔާއިން ސޫރިޔާގައި ކުރިޔަށް ގެންދާ އޮޕަރޭޝަން


ރަޝިޔާގެ އަސްކަރިއްޔާއިން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސޫރިޔާއަށް ދެމުންދާ ވައިގެ ޙަމަލާތަކުގައި 1,500 އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވާކަމަށް ސޫރިޔާގެ ޙާލަތު މޮނިޓަރ ކުރުމަށް މަސަކަތްކުރަމުންދާ ގްރޫޕަކުން ބުނެފިއެވެ."ވައިލޭޝަންސް ޑޮކިއުމެންޓޭޝަން ސެންޓަރ އިން ސީރިއާ" ގެ އޮފިޝަލަކު ބުނިގޮތުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރަޝިއާއިން ސޫރިއާއަށް ދެމުންދާ ވައިގެ ޙަމަލާތަކުގެ ސަބަބުން 1,500 އަށްވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވާއިރު މީގެ ތެރޭގައި 346 ކުޑަކުދިން ހިމެނެއެވެ. އަދި 1,500 އަށްވުރެ ގިނަ މީހުން ރަޝިޔާގެ ވައިގެ ޙަމަލާތަކުގެ ސަބަބުން މަރުވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި އެންމެ 47 ހަނގުރާމަވެރިން ކަމަށް މޮނިޓަރިން ގްރޫޕުން މައުލޫމާތުދެއެވެ. ވީ.ޑީ.ސީ. އަކީ ސޫރިޔާގެ ޙާލަތު ދެނެގަތުމަށް 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ އަމިއްލަ ޖަމިއްޔާއެކެވެ. ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނާގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން 1,015 އާންމުން މަރުވެފައިވާއިރު، މީގެތެރޭގައި 230 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި މިޙަމަލާތަކުގައި 1,141 ހަނގުރާމަވެރިން މާރާލެވިފައިވާއިރު މީގެތެރޭގައި ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާއި، އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިންވެސް ހިމެނޭ ކަމަށެވެ.