ޚަބަރު

މިހާތަނަށް ލިބުނު ނަތީޖާއިން ތަފާތު ބޮޑުކޮށް ކުރީގައި މިނިސްޓަރ ފައްޔާޟް


އެމްޑީޕީގެ ޗެއަރޕާސަނެއް އިންތިޚާބުކުރުމަށް ބޭއްވި އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ބޮޑު ތަފާތަކުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކުރީގައި އުޅޭކަމަށް ދައްކައިފިއެވެ.

އެމްޑީޕީގެ ތާރީޚުގައި ބޭއްވި އެންމެ ވާދަވެރި އެއް އިންތިޚާބުގައި ފައްޔާޟާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓި 282 ވޯޓު ފޮށީގެ ތެރެއިން ގިނަ ވޯޓު ފޮށީގެ ނަތިޖާއިން ދައްކާގޮތުގައި 60 އިންސައްތައެއްހާ ވޯޓުގެ ތަފާތަކުން ފައްޔާޟް ކުރީގައި އުޅޭކަމަށް ދައްކައެވެ. މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން ދައްކާގޮތުގައި ފައްޔާޟަށް ދިހަ ހާހަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވާއިރު، ވާދަވެރި ކެނޑިޑޭޓް އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގަންފައިވަނީ 7000 ވަރަކަށް ވޯޓެވެ.

މި އިންތިޚާބުގައި ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއްގެ ނަތިޖާ ލިބުމުން އެމްޑީޕީގެ ސެކްރެޓޭރިއަޓުން ވަގުތީ ނަތީޖާ އިއުލާނުކުރާނެއެވެ. މިހާތަނަށް ނަތީޖާ ދައްކާގޮތުން ގިނަ ސަރަހައްދުތަކުގެ ވޯޓުފޮށިތަކުގައި ކުރީގައި އުޅުއްވަނީވެސް ފައްޔާޟް އިސްމާޢީލެވެ.

ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ގެންދިޔަ އިންތިޚާބުގެ ވޯޓުލުން ބަންދުކޮށްފައިވަނީ އިރުއޮއްސި 6:00 ޖެހިއިރެވެ. ވަގުތީ ނަތީޖާއާއެކު މިހާރު ފައްޔާޟަށް ތާއީދުކުރި އެމްޑީޕީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަންނަނީ މިނިސްޓަރ ފައްޔާޟަށް މަރުޙަބާ ވިދާޅުވެ އުފާފާޅުކުރަމުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 194 ރަށެއްގައި އެމް.ޑީ.ޕީން ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އޭގެތެރެއިން މާލޭގައި 87 ފޮށި ބަހައްޓާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94211 މެމްބަރުންނަށެވެ.