ޚަބަރު

2016 އަކީ ބަންގްލަދޭޝްއާއި ރާއްޖޭގެ ގުޅުމަށް މުހިއްމު އަަހަަރެއް


މިއަހަރަކީ ދިވެހި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަށް މުހިއްމު އަހަރެއް ކަމަށާއި ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މިއަހަރު ގިނަ ޙަރަކާތްތަކެއް ރާވާފައިވާކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ރިޔަރ އެޑްމިރަލް ކާޒީ ސަރްވާރް ހުސެއިން ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝް ހައިކޮމިޝަނަރ ސަރްވާރް ހުސެއިން ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް ވަރުގަދަކުރުމަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. ހައިކޮމިޝަނަރ ވިދާޅުވީ، މިދިޔަ އަހަރު ދެގައުމުގެ ދެމެދު ސޮއިކުރި ދޭދޭ ގުޅުމުގެ އެއްބަސްވުންތަކަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޮތުން ޞިއްޙީ ދާއިރާއިންނާ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމާބެހޭ ބައްދަލުވުންތަކެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ރޭވިފައިވާ ކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން، ސަލާމަތާއި ދިފާޢީ ދާއިރާއިންނާ ތަޢުލީމީ ދާއިރާއިންވެސް ދެގައުމުގެ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ޚާއްޞަ ޙަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ބަންގްލަދޭޝް ހައިކޮމިޝަނަރ ސަރްވާރް ހުސެއިން ވިދާޅުވިއެވެ.