ޚަބަރު

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ނަތީޖާ އިޢުލާންކުރަން ފަށައިފި


މިއަދު ވާދަވެރިކަމާއެކު ކުރިއަށްގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.

ވޯޓުލާ މަރުކަޒުތަކުގައި އިރުއޮއްސި 6:00 ޖެހުމުން ވޯޓުލުން ބަންދުކުރުމަށްފަހު މިހާރު އަންނަނީ މަރުކަޒުތަކުގައި ނަތީޖާ އިއުލާންކުރަމުންނެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ވޯޓުލާން ފެށި އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 4:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދަން ނިންމިނަމަވެސް، ވިއްސާރަވުމުގެ ސަބަބުން ގިނަބަޔަކު ވޯޓުލުމަށް ފުރުޞަތު ދިނުމަށް އިންތިޚާބުގެ ވަގުތު އިތުރުކުރިއެވެ. އެގޮތުން ދެ ގަޑިއިރު އިތުރުކުރުމަށްފަހު 6:00 ޖެހުމުން ވަނީ ވޯޓުލުން ބަންދުކޮށްފައެވެ.

އެމްޑީޕީގެ 17 އަހަރުގެ ތާރީޚުގައި އެންމެ ވާދަވެރި އިންތިޚާބުގައި ވާދަވެރިކަން އެންމެ ބޮޑީ ޗެއަރޕާސަންގެ މަޤާމަށް ބޭފުލަކު އިންތިޚާބުކުރުމުގައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. މީގެއިތުރުން މި އިންތިޚާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުން ހިތްވަރުގެ ރައީސަކު ހޮވުންވެސް ކުރއަށްދިޔައެވެ. އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަޙްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރެއްވީ މުހައްމަދު އަންސާރާއި ރިފްގާ ޝިހާމްއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 194 ރަށެއްގައި އެމް.ޑީ.ޕީން ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އޭގެތެރެއިން މާލޭގައި 87 ފޮށި ބަހައްޓާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94211 މެމްބަރުންނަށެވެ. އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބުކުރަން 41027 މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޔޫތު ވިންގުގެ ރައީސް އިންތިޚާބުކުރަން 32057 މެމްބަރުންނަށް ވޯޓުލެވޭނެއެވެ.

މި އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓުން މިރޭ ކަށަވަރުވާނެކަމަށް ބެލެވެއެވެ.