ޚަބަރު

ކުޑަރިކިލު ބަނދަރު ހެދިޔަސް ފަޅު ގަދަވާތީ ރައްޔިތުންގެ ކަންބޮޑުވުން

ބ.ކުޑަރިކިލު ބަނދަރު ހަލާކުވެފައި އޮތުމުން އެރަށުގެ އޮޑިވެރިންނަށް ދިޔައީ ބޮޑެތި ގެއްލުމާ ކުރިމަތިވަމުންނެވެ. އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ފަށާ، އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަދުވަހުއެވެ. އެހެންކަމުން ބަނދަރުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައި ވާއިރު ފަޅު ގަދަވުމުގެ މައްސަލައަށް ހައްލު ނުލިބޭތީ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތްކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެރަށު މީހުން އަބަދުހެން ކުރާ އެއްޝަކުވާއަކީ ކަނޑު ގަދަވެ މޫސުން ގޯސްވާ ދުވަސްތަކުގައި އޮޑިވެރިން އޮޑިދޯނިފަހަރު ބަލަން ހޭލާތިބެންޖެހުމުގެ ޝަކުވާއެވެ. ބަނދަރު ތަރައްޤީވެގެން ދިއުމުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެރަށު ރައްޔިތުން އުންމީދު ކުރިނަމަވެސް އެކަން ހައްލުނުވާކަމަށް އެރަށު މީހުން މިހާރު ބުނެއެވެ. ރައްޔިތުންގެ އަނެއް ޝަކުވާއަކީ މޫސުން ގޯސްވާ ދުވަސްތަކުގައި ރަށު ފަޅަށް ވައްދާ ރާޅާ އޮއިވަރުގެ ސަބަބުން ފަޅު ގަދަވުމެވެ. ބަނދަރުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައި ވާއިރު މިކަމަށްވެސް ހައްލު ނުލިބޭކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

މީގެ ކުރިން އެރަށު ފަޅު ގަދަވީ ބޭރު ތޮށި ނެތުމުންނެވެ. އެހެން ނަމަވެސް މިހާރު ފަޅަށް ރާޅު ވައްދަނީ ނެރު ބޮޑުކޮށް ކަނޑާފައި އޮތުމުންނެވެ. މިހާރު ހަދަމުންދާ ބަނދަރުގެ ނެރުގެ ބޮޑުމިނަކީ 28 މީޓަރެވެ. އެއީ 91 ފޫޓެވެ. ބަނދަރުގެ ބޮޑުމިނަކީ 184 މީޓަރު 604 ފޫޓްޓެވެ. ބަނދަރުގެ ފުޅާމިނުގައި ހުރީ 204 ފޫޓެވެ.

ފަރެއްގެ އެއްވެސް ނިވަލެއް ނޯންނަ ބ.ކުޑަރިކިލު ބަނދަރުގެ ނެރު ބޮޑުކަމުން މިކަަމަށް ހައްލު ނުލިބޭނެކަމަށް އެރަށުގެ އޮޑިވެރިން އައީ ބުނަމުންނެވެ. އެހެން ކަމުން އެކަންބޮޑުވުންތައް މިނިސްޓްރީއަށް ފޮނުވިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި އެކަން ހައްލު ކުރުމަށް މަސައްކަތުގެ ކޮންޓެކްޓަރަށް އަންގާފައިވާކަމަށް އެފަރާތުން ބުނެއެވެ. އެހެން ނަމަވެސް އެކަން ނުވީ ބަނދަރުގެ ބޭރު ތޮށި ޖަހާ ނިމިފައި އޮތުމުންކަމަށް އެމްޓީ ހޯގާޑުން ބުނެއެވެ. ނަމަވެސް މިމައްސަލައަކީ ހައްލު ކުރަންޖެހޭ ބޮޑު މައްސަލައެކެވެ އެހެން ނޫނީ ބަނދަރު ހެދުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އެރަށު ރައްޔިތުންނާއި ކައުންސިލުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯ ވީޑިއޯ އަށް ބަލާނަމަ އެރަށުގެ ހުރިހާ އޮޑިވެރިން ތިބީ ބަނދަރުގައެވެ. އަދި ބައެއް އޮޑި ދޯނިފަހަރު އެއްގަމު ވާޓަރުގައި ޖެހިގެންނާ ދެ އުޅަނދުޖެހި ހަލާކުވެފައިވާ މަންޒަރު ފެނެއެވެ.
މިކަން ހައްލު ނުކޮށްފިނަމަ މިހުޅަނގު މޫސުމުގެ ގަދަދުވަސްތަކުގައިވެސް އެހެން އަހަރުތަކެކޭ އެއްގޮތައް އޮނޑި ދޯނިފަހަރު ބަލަން ހޭލާ ތިބެންޖެހޭނެ ކަމަށް އެރަށުގެ އޮޑިވެރިން އަންނަނީ ބުނަމުންނެވެ.