ޚަބަރު

އިންތިޚާބަށްފަހުވެސް އެމްޑީޕީ އެތެރޭގައި އެއްބައިވަންތަކަން އޮންނާނެ: ރައީސް


މިއަދު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ ވާދަވެރި އިންތިޚާބަށްފަހުވެސް އެޕާޓީ ބައިބައިވެގެން ނުދާނޭކަމަށް އެމްޑީޕީގެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރިޚުގައި ސިޔާސީ ޕާޓިއަކުން ބާއްވާ އެންމެ ވާދަވެރި އިންތިޚާބުގައި ވޯޓުލެއްވުމަށް ދަރުމަވަންތަ ސްކޫލަށް ވަޑައިގެން، ވޯޓު ލެއްވުމަށްފަހު، މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އިންތިޚާބެއްގައި ފެންނާނޭ ހުރިހާކަމެއް މިއިންތިޚާބުގައިވެސް ފެނިގެން ގޮސްފައިވާކަމަށްވެ. ނަމަވެސް މި އިންތިޚާބަށްފަހުވެސް ޕާޓީ ބައިބައި ވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބެއްކަމަށާއި، މިއިންތިޚާބުގެ ވޯޓު ލުމުގެ އިންތިޒާމްތައް ހަޖައްސަވާފައިވާ ގޮތްތަކާ ދޭތެރޭވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.

"އިންތިހާބަށް ފަހުގައި ވެސް ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނެ. އެކަމާ އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ވޯޓު ލެއްވުމަށްފަހު ރައީސް ވަނީ ދަރުމަވަންތަ ސްކޫލުގެ ބޭރުގައި އިރިކޮޅަކު މަޑުކޮށްލައްވާ، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ސަލާމްކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރި އިންތިޚާބުގައި ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދު އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދާނެކަމަށެވެ. އެޕާޓީން އަބަދުވެސް މަސައްކުރަމުން ދަނީ، އިންތިޚާބުތައް ބާއްވާ ސުލްހަވެރި ސިޔާސީ ހަރަކާތައް ހިންގުމަށް ކަމަށާއި، އެއީ ރާއްޖޭގެ ކުރިމަގު ބިނާކުރަން އެމްޑީޕީން އަބަދުވެސް ބޭނުންވާ ގޮތް ކަމުގައިވެސް އެމަނިކފާނު ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި ފޯރި އެންމެ ގަދަވެފައިވަނީ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންމެ މެދުގައެވެ. މިއާއެކު މި އިންތިޚާބު ވެފައިވަނީ އެމް.ޑީ.ޕީ އުފެދުނު ފަހުން މިވީ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިންތިޚާބަށެވެ. ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ މިހާރުގެ އިކޮނިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ މަޤާމަކީ ޕާޓީގެ އެންމެ ނުފޫޒްގަދަ މަޤާމެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ އިންތިޚާބުތައް ރާވާ އިންތިޒާމްކުރުމާއި، އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުތަކުގެ އިދާރީ ކަންކަން ހިންގެވުމާއި، އެޕާޓީގެ އުސޫލުތައް ރައްކާތެރިކޮށް ދެމެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކޮށް، ޑިމޮކްރަސީގެ މިންގަނޑުތަކާއި ހަމަހަމަކަންމަތީ ޕާޓީ ކުރިއެރުވުމުގެ މަސައްކަތްކުރުންވެސް ޕާޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތުގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަކީ ފަސް އަހަރު ދައުރެއް އަދާކުރާ މަޤާމެކެވެ.