ޚަބަރު

މިހާރު ކުރަމުންދާ ވިއްސާރައިގަ ދިއްދޫގެ 2 ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ



މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ދިއްދޫގެ 2 ގެއަކަށް ފެންވަދެ ގެއްލުންތަކެއްވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދިއްދޫގެ ދެ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ. ފެންވަނުމުގެ ސަބަބުން އެގެތަކުގައި ބޭނުން ކުރާ ފަރުނީޗަރު ތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި އެތަނުން އެއްގެއެއްގެ ފުރާޅަށް ލިބުނު ގެއްލުމުގެ ސަބަބުން އެގޭގެ ސީލިންގ ވެއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ދިއްދޫ ކައުންސިލާއި ދިއްދޫ ޕޮލިސް ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށެވެ. އަދި ފެންވަންނަމުންދާ ގޭގޭގެ ދޮރުމަތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މިއަދުގެ 14:30އާ ހަމައަށް ބ. އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލަރޓް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.