ޚަބަރު

ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި


މެދުކަނޑާލާފައި އޮތް ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

އެއިރޯފްލޮޓްއިން ރަޝިއާއާ ރާއްޖެއާ ދެމެދު ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ ރަޝިއާއާ ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އެއެއަރލައިންގެ ދަތުރުތައް އަލުން ފަށާފައިވާއިރު، ހަފްތާގެ ކޮންމެ ދުވަހަކު ރަޝިއާއާ ރާއްޖެއާދެމެދު ދަތުރުތައް ބާއްވާނެއެވެ.

އެއިރޯފްލޯޓުގެ ދަތުރުތައް އަލުން ފެށިއިރު، ފުރަތަމަ ފްލައިޓުންވެސް 297 މީހުން ރާއްޖެއަށް އައިސްފައިވެއެވެ. އެއެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއަރބަސް A330 މަރުކާގެ މަތިންދާ ބޯޓެވެ. އެއިރޯފްލޯޓުން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ރަޝިއާގެ ވެރިރަށް މޮސްކޯ އިންނެވެ.

ކޯވިޑް-19އަށްފަހު އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރ 11ވަނަ ދުވަހުއެވެ. ދަތުރުތައް ފެށިއިރު އެންމެ ފުރަތަމަ ބާއްވާފައިވަނީ ހަފްތާއަކު 2 ދަތުރެވެ. ނަމަވެސް ފަހުން ޑިމާންޑް އިތުރުވުމާއެކު ހަފްތާއަކު 7 ދަތުރަށް ވަނީ އިތުރުކޮށްފައެވެ.

އެއިރޯފްލޮޓްގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ. ނަމަވެސް ހަނގުރާމައާއެކު ދަތުރުތައް މެދުކަނޑާލުމާގުޅިގެން މިހާރު ރަޝިއާ ވަނީ 3ވަނައަށް ވެއްޓިފައެވެ.

މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 60533 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 222422 ފަތުރުވެރިންނެވެ. އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމުން ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަނެއްކާވެސް އިތުރުވާނެކަމަށް ބެލެވެއެވެ.