ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން "މަޖީދީ ރަން" އިފްތިތާޙްކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "މަޖީދީ ރަން" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ހަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި އެސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

‎މިގޮތުން މިރޭ މުލީއާގެ ކުރިމަތީގައި ބޭއްވެވި މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "މަޖީދީ ރަން"ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިންގ ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލާއި ޙަވާލުކޮށްދެއްވާފައެވެ.

‎މިރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަނީ "މަޖީދީ ރަން" ގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާ "މަޖީދީ ރަން" އާ ގޫޅޭ ޚާއްޞަ ޓީޝަރޓެއް ވެދުންކުރައްވާފައެވެ.

‎"މަޖީދީ ރަން" ފަށާފައިވަނީ މިރޭ 21:30 ގައި މަޖީދިއްޔާ ސްކޫލުންނެވެ. އަދި 95 ގަޑިއިރު ހަމަކޮށް ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ މިމަހުގެ 17 ވާ އަންގާރަ ދުވަހުގެރޭ ޓްރެކް ދަނޑަށެވެ. "މަޖީދީ ރަން" މިރޭ ފަށާފައިވާއިރު، ދުވުމުގެ ބައިވެރިން ވަނީ މަޖީދިއްޔާ ސްކޫލުން ފެށިގެން މަޖީދީމަގުން ރަސްފަންނާއި ދިމާލަށްގޮސް، އެ ދިމާލުން ބޮޑުތަކުރުފާނު މަގުން އެކުވެނި ޓްރެކާއި ހަމައަށް ދުވުން ކުރިއަށްގެންގޮސްފައެވެ. ދުވުމުގެ ބައިވެރިން މާލޭގެ 14 ސަރަޙައްދެއްގައި ވަނީ މަޑުކޮށްފައެވެ. އަދި ދުވުމުގައި ބޭނުންކުރާ ދަންމަރު އެކި ފަރާތްތަކަށް ވަނީ ބަދަލުކޮށްފައެވެ.

މި ދުވުމުގެ ބައިވެރިން އެކުވެނި ޓްރެކަށްވަނުމަށްފަހު، މި ދުވުމަށް ޚާއްސަކޮށްފައިވާ ޓޯޗެއްވަނީ ދިއްލާފައެވެ. މި ޓޯޗު ދިއްލައިދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ. އެއަށްފަހު މިނިސްޓަރ ވަނީ ދުވުމުގެ ބައިވެރިންނާއެކު ޓްރެކުގައި އެއްބުރު ފުރިހަމަކުރައްވާފައެވެ.

މި ދުވުމުގައި މަޖީދިއްޔާ ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި، ސްކޫލްގެ އިސްދަރިވަރުންނާއި، ކުޅިވަރުގެ ދާއިރާއަށް ލޯބިކުރާ، ވަކިން ޚާއްސަކޮށް ދުވުމަށް ލޯބި ކުރާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. "މަޖީދީ ރަން"ގެ 95 ގަޑިއިރު ހަމަކުރުން ކުރިއަށްދާނީ ޓްރެކް ދަނޑުގައެވެ. އެގޮތުން ސްކޫލުގެ އިސްދަރިވަރުންނާއި، މިހާރު އެ ސްކޫލުގައި ކިޔަވަމުންދާ ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އެކި ގަޑިތައް ކަނޑައެޅިގެން އެކި ވަގުތުތަކުގައި ދުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

"މަޖީދީ ރަން"އަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާއި، 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުނީ މިދިޔަ އެޕްރީލްމަހުގެ 19 ވަނަ ދުވަހުގައެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާ މިހާރުގެ ނަމުންނަމަ މަޖީދިއްޔާ ސްކޫލާއި އެކުއެވެ. މަޖީދިއްޔާ ސްކޫލަކީ ތަޢުލީމު ދިނުމުގެ އިތުރަށް، މީހުން ބިނާކުރުމުގެ ބުރަ ބޮޑު މަސައްކަތްވެސް ފެށުނު ހިސާބެވެ. އެގޮތުން އަޚުލާގާއި ތަރުބިއްޔަތާއި، އިޖްތިމާއީ ކުރިއެރުމަށް ޒުވާނުން ތައްޔާރުކުރުމާއި، ކުޅިވަރާއި އަދަބިއްޔާތުފަދަ ދާއިރާތަކުން މީހުން ބިނާކުރި ސްކޫލެވެ.

ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ. މިހާރު އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑަށްވެސް ކިޔަވައިދެއެވެ. މަޖީދިއްޔާގައި މިވަގުތު 1500އާއި ގާތްކުރާ އަދަދަކަށް ކުދިން ކިޔަވަމުންދެއެވެ.