ކުޅިވަރު

އޭއެފްސީ ކަޕުގައި ވާދަކުރުމަށް މާޒިޔާ ޓީމު އިންޑިއާއަށް


އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންޑިއާއަށް ގޮސްފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18-24 އަށް އިންޑިއާގެ ކޮލްކަތާގައެވެ. މާޒިޔާ ހިމެނޭ ގްރޫޕް ޑީގައި ދެން ހިމެނޭ ޓީމުތަކަކީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި، ގޯކުލަމް ކެރެލާ އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ.

މާޒިޔާއިން އޭއެފްސީ ކަޕުގެ މެޗުތަކަށް ނުކުންނައިރު އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި ޕްރިމިއާ ލީގުގެ ބްރޭކަށް ދިޔައިރު އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް އޮތުމެވެ. މިފަހަރުގެ ލީގުގައި އެ ޓީމުން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި މާޒިޔާއިން އަންނަ ބުދަ ދުވަހުގެރޭ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ގޯކުލަމް ކެރެލާއާއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހުގެރޭ ނުކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް މި އަހަރު ކުޅެނީ ކޮލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. ހަތަރު ޓީމުގެ މެދުގައި ގްރޫޕް ސްޓޭޖް ކުޅުމަށްފަހު އަނެއް ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ އެއްވަނައަށް ދާ ޓީމަށް އެކަންޏެވެ.