ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެއްޖެ


ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ އިސްވެރިޔާ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާވިދާޅުވެއްޖެއެވެ.

ޢުމުރުފުޅުން 73 އަހަރުގެ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވިކަން ޔޫއޭއީގެ ސަރުކާރުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްޞީލެއް ނުދެއެވެ.

ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ އިސްވެރިޔާ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުކަމަށެވެ. އަދި ޔޫއޭއީގެ ރައީސްއަކީ ދިވެހިރާއްޖެއާއި ވަރަށް ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ ޔޫއޭއީގެ ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.


ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވުމާގުޅިގެން ޔޫއޭއީގެ ވެރިކަމާ ވަޤުތީގޮތުން ޙަވާލުވެވަޑައިގަންނަވާނީ އެ ޤައުމުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ އިސްވެރިޔާ ޢުމުރުފުޅުން 72 އަހަރުގެ ޝޭޚު މުޙައްމަދު ބިން ރާޝިދު އާލް މަކްތޫމެވެ. ޔޫއޭއީގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ޤައުމުގެ ހަތް ރަށުގެ އިސްވެރިންގެ ބައްދަލުވުމެއް އެ ޤައުމުގެ ޤާނޫނުއަސާސީ ބުނާގޮތުން ބާއްވަން ޖެހޭނެއެވެ.

2004 ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާނަށް 2014ވަނަ އަހަރުގެ ތެރޭގައި ސުޓްރޯކެއް ޖެހިވަޑައިގަތުމުން ވެރިކަމުގެ މުޙިއްމު މަސްޢޫލިއްޔަތުތައް ޢަދާކުރެއްވީ އޭނާގެ ވަލީޢަހުދު އަދި އެއްބަފާ ކޮއްކޯފުޅު ޢުމުރުފުޅުން 61 އަހަރުގެ މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނެވެ. އަބޫ ދާބީގެ އިސްވެރިޔާގެ މަޤާމާވެސް ދެން ޙަވާލުވެވަޑައިގަންނަވާނީ އޭނާއެވެ.