ޚަބަރު

ކުޑަހުވަދޫ މަގުހެދުން: މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތް


ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތް ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ވިދާޅުވެއްޖެއެވެ.

ދ.ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ޒަމާނީ ފެންވަރަށް ދ.ކުޑަހުވަދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާ މިމަސައްކަތްވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ސާމާނު މާޗްމަހު ކުޑަހުވަދޫއަށް ގެންގޮސްފައިވާއިރު ޢަމަލީ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ އޭޕްރީލްމަހުއެވެ. މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އާރްޑީސީން ވިދާޅުވީ މިހާރު ކުރަމުންދަނީ ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތްކަމަށެވެ.


އާބާދީގައި ތިންހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ދެން ކުރިއަށްދާނީ ޕޭމަންޓާއި ފެންހިންދާ ނިޒާމުގެ މަސައްކަތްތައްކަމަށް އާރްޑީސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން ކުޑަހުވަދޫގެ މަގުތަކުން 5.85 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

އެއްއަހަރާއި ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މިމަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 122 މިލިއަން ރުފިޔާއަށެވެ. ކުޑަހުވަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫޢު 2015 ވަނަ އަހަރު ކުރިއަށްގެންގޮސްފައިވާއިރު އެފަހަރުވަނީ 13 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.