ޚަބަރު

ޑިސްނީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދަށް ބޮޑު ކުރިއެރުމެއް


އޮންލައިންކޮށް ފިލްމާއި ސީރީސްތައް ބަލަން ބޭނުންކުރާ، ޑިސްނީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދު 137.7 މިލިއަނަށް އިތުރުވެއްޖެއެވެ.

ވޯލްޓް ޑިސްނީއިން އާއްމުކޮށްފައިވާ މާލީ ދެވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން ޑިސްނީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދަށް ވަނީ 8 މިލިއަންގެ އިތުރުވުމެއް އައިސްފައެވެ. މިއީ އެކުންފުނިން އަންދާޒާކުރި މިންވަރަށްވުރެ އިތުރު އަދަދެކެވެ. އެކުންފުނިން ލަފާ ކުރީ ދެވަނަ ކުއާޓަރުގައި ލިބޭނީ 5 މިލިއަން ސަބްސްކްރައިބަރުންގެ އިތުރުވުމެއް ކަމަށެވެ.

ޑިސްނީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވެފައިމިވަނީ ނެޓްފްލިކްސްގެ ސަބްސްކްރައިބަރުގެ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ސްޓްރީމިންގ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ނެޓްފްލިކްސްގެ ޖުމްލަ ސަބްސްކްރައިބަރުންގެ އަދަދަކީ 221 މިލިއަންއެވެ. އެކުންފުނިން ރިޕޯޓުކޮށްފައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ވަނީ 2 ލައްކަ ސަބްސްކްރައިބަރުން ގެއްލިފައެވެ. އަދި ދެވަނަ ކުއާޓަރުގައި އިތުރު 2 މިލިއަން ސަބްސްކްރައިބަރުން ގެއްލޭނެ ކަމަށް އެކުންފުނިންވަނީ ލަފާކޮށްފައެވެ.

ޑިސްނީގެ މާލީ ރިޕޯޓުގައިވާގޮތުން ދެވަނަ ކުއާޓަރުގައި އެކުންފުނީގެ ދަށުން ހިންގާ ސްޓްރީމިންގ ޙިދުމަތްތަކަށްވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން ހުލޫ އަދި އީ.އެސް.ޕީ.އެން ޕްލަސް އާއި އެކު ޑިސްނީގެ ސްޓްރީމިންގ ޙިދުމަތް ހޯދާ ޖުމްލަ މީހުންގެ އަދަދު 205.6 މިލިއަނަށް އަރައެވެ.