ޚަބަރު

"ހަކަތަރި" ލޭބަލް ޖެހުމަށް ހުއްދަދޫކުރި ފުރަތަމަ ކުންފުންޏަކަށް އެސްޓީއޯ


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން 6 އެއަރ ކޮންޑިޝަނަރ މޮޑެލްއެއް "ހަކަތަރި" ޕްރޮގްރާމަށް ފެތޭ ތަކެތިކަމުގައި ކަނޑައަޅައިފިއެވެ.

ހަކަތަރި ޕްރޮގްރާމްއަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

އެސްޓީއޯއިން އެތެރެކުރާ އެއަރ ކޮންޑިޝަނަރ "ހަކަތަރި" ޕްރޮގްރާމަށް ފެތޭ ތަކެތި ކަމުގައި ކަނޑައަޅާ މިހާރު ވަނީ އެ 6 މޮޑެލްގައި ހަކަތަރި ލޭބަލް ޖެހުމަށް ހުއްދަދީފައެވެ. މިއީ ހަކަތަރި ލޭބަލް ޖެހުމަށް ހުއްދަދޫކުރި ފުރަތަމަ ކުންފުންޏެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލް އަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ދަށްމިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ހުއްދަ ދޫކުރެވުނު މޮޑެލްތަކަށް 4 ތަރި އަދި 5 ތަރި ލިބިފައިވާކަމަށެވެ. ހަކަތަރި ލޭބަލުން ކޮންމެ އަހަރަކު ބޭނުންކުރާނެކަމަށް އަންދާޒާ ކުރެވޭ ކަރަންޓުގެ މިންވަރުވެސް އެނގޭނެއެވެ. މި ލޭބަލުން އަދިވެސް އޭސީއ ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހަކަތަރި ޕްރޮގްރާމްގައި ރަޖިސްޓްރީވުމަކީ ވިޔަފާރިތަކަށް އިޚްތިޔާރީކަމެކެވެ. މި ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވަނީ އިމްޕޯޓުކުރާ ފަރާތްތަކުން މިޕްރޮގްރާމުގައި ރަޖިސްޓްރީވުމަށްފަހުއެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައިވަނީ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަނަރގައެވެ. ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވާ އާލާތްތައް ގަންނަ ފަރާތްތަކަށް ވިއްކުމުގެ ކުރިން އެތަކެތީގައި ލޭބަލް ހަރުކުރަން ޖެހޭނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ އޭސީ، އައިސް އަލަމާރި، އަދި ދޮންނަ މެޝިނަކީ ހަކަތަރި މިންގަނޑަށް ފެތޭ ތަކެތިކަމަށް ހެދުމެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލާފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގަމުން އަންނަ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުންނެވެ.

މިމަޝްރޫއުގެ މައިގަނޑު މަޤުސަދަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުންކަމަށް މިނިސްތްރީން ވިދަޅުވެއެވެ.