ޚަބަރު

3 ރަށެއްގެ ބަނދަރު ތަރައްޤީކޮށް 2 ރަށެއްގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރަނީ


ތިން ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ދެރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކުރީ އއ.އުކުޅަހާއި، އދ.ދިގުރަށާއި، ށ.މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި، ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ.

މީގެ ތެރެއިން އއ.އުކުޅަހު ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އެއް އަހަރުތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ ދަށުން ހަތަރުހާސް ނުވަސަތޭކަ ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 489 މީޓަރުގެ ބްރޭކްވޯޓާއެއް ޤާއިމުކޮށް 69 މީޓަރުގެ ރިވެޓްމަންޓު ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 3 މީޓަރު ފުޅާ ބްރިޖަކާއި 130 މީޓަރު ފުޅާ ޖެޓީއެއްވެސް މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އދ.ދިގުރަށުގެ ބަނދަރު އަޕްގްރޭޑުކުރުމަށް ޙަވާލުކޮށްފައިވަނީ 19 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގައި 33000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 6700 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ބަނދަރަށް ވަންނަ ނެރު ފުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 277 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލާ 98 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ.


ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން އެމްޓީސީސީއާ ދެން ހަވާލުކުރީ ށ.މާއުނގޫދޫ ބަނދަރުގެ މަސައްކަތެވެ. 15 މަސްދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމުމަށް ޙަވާލުކޮށްފައިވަނީ 59.7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މީގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ސަރަޙައްދުން 59000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށާއި، ބަނދަރަށް ވަންނަ ނެރު ހިމެނޭ ސަރަޙައްދުން 3000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި 362 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލާ 105 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. މީގެތެރެއިން ދިޔަމިގިލީގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ 23 މިލިއަނަށްވުރެ ގިނަ ރުފިޔާއާށެވެ. މިމަސައްކަތުގެ ދަށުން ގިރަމުންދާ ސަރަޙައްދުގައި 205 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލާ 392 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރއެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. ވިލުފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ޙަވާލުކޮށްފައިވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ ދަށުން 184 މީޓަރުގެ ރިވެޓްމަންޓަކާއި 135 މީޓަރުގެ ގްރޮއިން ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެރަށުގައި މޫދަށް އެރޭނެ ސަރަޙައްދެއްވެސް މިމަޝްރޫޢުގެ ދަށުން ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުތައް އެމްޓީސީސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއީއޯ އާދަމް އާޒިމްއެވެ.