ޚަބަރު

ހުޅުމާލެއަށް 18 އަހަރުވީއިރު އާބާދީ 231000 އިން މައްޗަށް


1997 ވަނައަހަރު ހިއްކަންފެށި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ރަސްމީކޮށް މީހުން އާބާދުކޮށްފައިވަނީ 2004 ވަނަ އަހަރުގެ މެއިމަހުގެ 12 ވަނަ ދުވަހުއެވެ. މިއަދަށް ހުޅުމާލޭގައި މީހުން އާބާދުވިތާ މިވަނީ 18 އަހަރު ވެފައެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 18 އަހަރު ފުރުނުއިރު ހުޅުމާލެއަކީ ރާއްޖޭގައި މިހާތަނަށް ސިޓީ މޮޑެލްއަށް ޑިޒައިންކޮށްގެން ތަރައްޤީކޮށްފައިވާ ހަމައެކަނި ތަނެވެ. ސަރުކާރުން ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން ރަސްމީކޮށް އިފްތިތާޙްކުރުމުގެ ކުރިންވެސް މަދުމަދުން މީހުން އައީ ހުޅުމާލެއަށް ބަދަލުވަމުންނެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން ސަރުކާރުން އިފްތިތާޙްކޮށްފައިވަނީ 2004 ވަނަ އަހަރުގެ މޭއިމަހުގެ 12 ވަނަ ދުވަހުގައެވެ. ހުޅުމާލޭގައި މީހުން އާބާދުވިތާ 18 އަހަރުވީއިރު ހުޅުމާލޭގައި 231300 މީހުން ދިރިއުޅޭކަމަށް އެޗްޑީސީން އަންދާޒާކުރެއެވެ.


ނުވާނޭކަމަށް އެތައް ބަޔަކު ބުނަމުންދިޔަ އަޑު މަޑުވެގެންދިޔައީ ހުޅުމާލެ ހިއްކާ މީހުން އާބާދުކޮށް އެތަނުގައި ޚިދުމަތް ޤާއިމުވާން ފެށުމުންނެވެ. އަސާސީ ޚިދުމަތުގެ ތެރެއިން ހޮސްޕިޓަލް ހުޅުވީ އެއަހަރުގެ އޭޕްރީލްމަހުއެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ދެވަނަ ޓާމުގައި ފެށީ ހުޅުމާލޭގައި ފަރީދިއްޔާ ސްކޫލް، ނުވަތަ މިހާރުގެ ގާޒީ ސްކޫލާއެކުއެވެ. އެންމެ ފުރަތަމަ 50 ޢާއިލާ ހުޅުމާލެއަށް ރަސްމީކޮށް ބަދަލުވެފައިވަނީ މޭއިމަހުގެ 4 ވަނަ ދުވަހުއެވެ. އެއީ މިއަދު މިދެކޭ ހުޅުމާލޭގެ ފެށުމެވެ.

މީހުން އާބާދުވިތާ 18 އަހަރު ވެގެންދިޔައިރު މާލޭގެ ތޮއްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ތަރައްޤީކުރި ހުޅުމާލެއަކީ މާލެ ސަރަޙައްދުގައި މުހިއްމު ބައެކެވެ. ބްރިޖަކުން ހުޅުމާލެއާއި މާލެ ގުޅާލާފައިވާއިރު ދެވަނަ ފިޔަވަހި ހިއްކާ ފްލެޓު ތަރައްޤީކޮށް ގޯތިދޫކުރަންވަނީ ފަށާފައެވެ. މާލެއެކޭ އެއްފަދައިން ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ހުޅުމާލެއިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޗްޑީސީން އަންނަނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ. ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްޔިތުންނަށް އަމާން ތަނަކަށް ހެދުމަކީ އެޗްޑީސީގެ އަމާޒެވެ.


ހުޅުމާލެއަކީ އެތައްހާސް ބަޔަކު ދިރިއުޅެމުން އަންނަތަނަކަށްވާއިރު ހުޅުމާލެއަކީ މާލޭގައި ދިރިއުޅޭ އެތައް ބަޔަކުވެސް ހިތްހަމަޖައްސާލާ އުފާވެރި ވަގުތުތައް ހޭދަކުރުމަށްދާތަނެކެވެ. އެފަދަ ފަރާތްތަކަށް ހިތްހަމަޖެހޭ ފަދަ ވަގުތަކެއް ހޯދޭނެ މަގުފަހިކުރުމަށް އެޗްޑީސީން ޢާއްމު މައިޒާންތަކާއި ޕާކުތަކާއި ބީޗުވަނީ ތަރައްޤީކޮށްފައެވެ. ވޭތުވެދިޔަ 18 އަހަރު ހުޅުމާލެ ރީތިކޮށް ބެލެހެއްޓުމުގައި ހުޅުމާލޭގެ ރައްޔިތުންވަނީ އެޗްޑީސީން ބޭނުންވި އެއްބާރުލުން ދީފައެވެ. އަލަށް އާބާދުވާ މީހުންގެ އިތުރުން މާލެއާ ދެމެދު ޤާއިމުވި ބްރިޖާއެކު ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ހުޅުމާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަކީ މިއެންމެންގެ ޒިންމާއެކެވެ.