ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލެއިން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ


ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލެއިން 7،433،908.00 (ހަތް މިލިއަން ހަތަރުލައްކަ ތިރީސް ތިންހާސް ނުވަސަތޭކަ އަށް) ރުފިޔާ ލިބިއްޖެއެވެ.

މިއީ އޮންލައިންކޮށްނާއި މިނިސްޓްރީގެ ކައުންޓަރުތަކުން ލިބިފައިވާ ފައިސާއެވެ. މީގެ ތެރޭގައި އޮންލައިންކޮށް އެހެން ރަށްރަށުން ދައްކާފައިވާ ފައިސާވެސް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފަޤީރުން ނެތް ރަށްރަށުން ފައިސާގެ ގޮތުގައި 450،373 (ހަތަރުސަތޭކަ ފަންސާސް ހާސް ތިންސަތޭކަ ތިރީސް ތިން) ރުފިޔާ ލިބިފައިވެއެވެ. ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި 42 ރަށެއް ހިމެނެއެވެ.

ފަޤީރުންނެތް ރަށްރަށަކީ:

ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ނަރުދޫ
ށ. މަރޮށި، ނ. މާޅެންދޫ، ނ. މަގޫދޫ، ނ.ފޮއްދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ބ. ފުޅަދޫ، ބ. ގޮއިދޫ، ބ. ކިހާދޫ، ބ. ކެންދޫ
ކ. ހުރާ، އދ. ދިއްދޫ، އދ. މަންދޫ، އދ. ފެންފުށި، އދ. މަހިބަދޫ، ވ. ފެލިދޫ، ވ. ރަކީދޫ، ވ. ތިނަދޫ، ވ. ފުލިދޫ، މ.ދިއްގަރު
މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، މ. މަޑުއްވަރި، ފ. ދަރަނބޫދޫ، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވަންދޫ
ތ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި، ދ. ރިނބިދޫއެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު މުޅި ޖުމްލަ 7،884،281.00 (ހަތް މިލިއަން އަށްލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އެއް) ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ލިބިފައެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައިވަނީ 11399.45 (އެގާރަ ހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް ފަހެއް) ކިލޯއެވެ. އެއީ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު 10092 (ދިހަހާސް ނުވަދިހަ ދޭއް) ކިލޯއާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވަނީ 10092 (ދިހަހާސް ނުވަދިހަ ދޭއް) ކިލޯއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 1442ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން ލިބިފައިވަނީ 6،746،896.00 ( ހަ މިލިއަން ހަތްލައްކަ ސާޅިސް ހަ ހާސް، އަށްސަތޭކަ ނުވަދިހަ ހައެއް ) ރުފިޔާ އެވެ. އަތޮޅުތެރެއިން ލިބިފައިވަނީ 4،104،263.25 (ހަތަރު މިލިޔަން އެއްލައްކަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ތިން ރުފިޔާ ފަންސަވީސް) ލާރިއެވެ. މި އަދަދުތަކުގެ ތެރޭގައި އަތޮޅުތަކުން 1442 ވަނަ އަހަރުގެ ރިޕޯޓް ނުފޮނުވާ 18 ރަށް ނުހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިދިޔަ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.

މިއަހަރު މާލެއިން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަޤީރެއްގެ ބޮލަކަށް ޖެހުނީ 2950 ރުފިޔާއެވެ. މިދިޔަ އަހަރު ފަޤީރަކަށް ލިބުނީ 4200 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.