ޚަބަރު

ތިލަމާލެ ބުރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރަން އެސްޓީއޯއަށް


ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯއާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ. އެފްކޮންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރ ވީ. މަދުސްދަނަންއެވެ.

އެއްއަހަރު ދުވަހަށް ސޮއިކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކްރީޓް ގަތުމަށް އެފްކޮންއިންވަނީ އެއްބަސްވެފައެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެކުންފުނިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. މިގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކްރީޓަށްވުމާއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމް ކުރެވިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެސްޓީއޯއިން ދެކެއެވެ.