ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަސްތައް މާލެގެނެސްފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން އަންނަނީ މާލެއާއި ހުޅުމާލެއާ ދެމެދުވެސް މިޚިދުމަތް ދެމުންނެވެ. ސްކޫލަށާއި އޮފީސްތަކަށް ދާ ގިނަބަޔަކު ބަރޯސާވެފައިވާ ބަހުގެ ޚިދުމަތް ދެވަނަ ފިހިޔަވީގައި ތަރައްޤީކޮށްފައިވާ ހިޔާ ސަރަޙައްދަށްވެސް ދެނީ އެމްޓީސީސީއިންނެވެ. އެހެންނަމަވެސް އެސަރަޙައްދުން މާލެއަށް އައުމަށް އެންމެ ފުރަތަމަ ފެށީ ކަނެކްޓިން ބަހެއް ފުރަތަމަ ފިޔަވަހިން ނަގައިގެން މާލެ އަންނަ ގޮތަށެވެ. ގިނަ ދަތިތަކެއް ރައްޔިތުންނަށް ކުރމަތިވަމުންދާތީ އެކަމަށް ޙައްލެއް ގެނައުމަށް ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް މާލެއަށް ފެށީ މިއަހަރުގެ މާޗު މަހުގައެވެ. ގަޑިއަކު އެއްފަހަރު ބާއްވާ ބަސްތަކުން ވެސް ޑިމާންޑު އޮތްމިންވަރަށް ޚިދުމަތް ނުދެވެނީ ބޭނުންވާ ޢަދަދަށް ބަސް ނެތުމުންކަމުގައި އެމްޓީސީސީއިންވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިއަހަރުތެރޭގައި ބަސް ލިބޭނެކަމަށްވެސް އެމްޓީސީސީއިން އޮތީ ހާމަކުރައްވާފައެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަހުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަސްތައް މިހާރު މާލެ ގެނެސްފައިވާކަމަށެވެ. މިގޮތުން ޚިދުމަތަށް ބޭނުންވާ އިތުރު ބަސްތަކެއް ބުދަ ދުވަހުގެރޭ، އެކުންފުނިންވަނީ ކަސްޓަމުން ކްލިއަރކޮށްފައެވެ. މިބަސްތައް ޖޫންމަހުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ. މިއާއެކު ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި އޮތް ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަން އާޒިމްވަނީ ފާހަގަކުރައްވާފައެވެ. ބަހުގެ ޚިދުމަތް ފުޅާކުރުމަށް މިހާރު ގެނެސްފައިވަނީ 84 ޖާގައިގެ ޑަބަލްޑެކަރ 15 ބަސް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ހުރިހާ ބަސްތަކެއް ގެނެސް އޮޕަރޭޝަން ވަރުގަދަކުރުމަށް އެމްޓީސީސީއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ކޮންމެ 15 މިނިޓަކުން ދަތުރުތައް ބޭއްވުމަށް އެމްޓީސީސީއިންވަނީ ނިންމަވާފައެވެ.
ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެސަރަޙައްދުގައި އެކަށީގެންވާ ރަނގަޅު ފެންވަރުގެ ދަތުރުފަތުރުގެ ޚިދުމަތެއް ނެތުމެވެ. އޭގެ ސަބަބުން ކުދިން ސްކޫލަށް ގެންދިޔުމަށް ގިނަ ވަގުތުތަކެއް ބެލެނިވެރިން ބަހުގެ އިންތިޒާރުގައި ތިބެންޖެހުމުގެ ޝަކުވާވައާއި ބަހުން ޖާގަ ނުލިބުމުގެ ޝަކުވާވެސްވަނީ ބޮޑުވެފައެވެ. އެމްޓީސީސީގެ ބަހުގެ ޚިދުމަތް ފުޅާވެގެން އައުމާއެކު މިއަހަރުގެ މެދުތެރޭ މިމައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.