ޚަބަރު

ދުބާއީގެ މަޝްހޫރު ދެއިރާ މޯލްގައި ރާއްޖޭގެ އިސްތިހާރުކުރުމުގެ ޚާއްސަ ހަރަކާތެއް


ރާއްޖޭގެ މަންޒަރުތައް ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މެދުއިރުމަތީގެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެމްއެމްޕީއާރުސީ އާއި މުސާފިރު ޑޮޓްކޮމް ގުޅިގެން ދުބާއީގެ، ދެއިރާ މޯލްގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ދާނީ މޭ މަހުގެ 10ވަނަ ދުވަހުން 16ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކެމްޕެއިންގައި ދުބާއީ ސިޓީ ސެންޓާ ދެއީރާގެ މޯލްގެ ވަކި ތަނެއްގައި ހުންނަ ބޫތެއްގައި ވާޗުއަލް ރިއާލިޓީ މެދުވެރިކޮށް ރާއްޖޭގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ފޯރުކޮށްދޭނެއެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކާ، މެދުއިރުމަތި، އަދި ދުބާއީގެ ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކުރުވުމެވެ. މި ކެމްޕެއިންގެ ދަށުން މޯލްގައި ވީއާރު ބޫތު ބެހެއްޓުމުގެ އިތުރަށް މުސާފިރު ޑޮޓްކޮމް ފޭސްބުކް އަދި އިންސްޓަގްރާމްގައި އާއްމުކުރާނެއެވެ.

އަދި ކެމްޕެއިންގެ މުއްދަތުގައި ކޮންމެ ދުވަހަކު މި ޕްލެޓް ފޯމްގެތަކުގެ ސްޓޯރީގައި ރާއްޖެ އިސްތިހާރުކުރާނެއެވެ. މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް މުސާފިރް ޑޮޓްކޮމްގެ ޑޭޓާބޭސްގައި ހިމެނޭ 300 ހާހަށްވުރެ ގިނަ ފަރާތަށް ރާއްޖޭގެ މައުލޫމާތު ހިއްސާކުރާނެކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

2007ވަނަ އަހަރު އުފެއްދި މުސާފިރް ޑޮޓްކޮމްއަކީ ޔޫއޭއީގެ އެންމެ ފުރަތަމަ ޕްރިމިއަމް އެކްސްޕީރިއަންސް ލިއްބައިދޭ އޮންލައިން ޓްރެވަލް ވެބްސައިޓެވެ. ނުވަ ބްރާންޗް ހިމެނޭ މުސާފިރް ޑޮޓްކޮމްގެ ޚިދުމަތް މިހާތަނަށް ވަނީ 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް ފޯރުކޮށްދީފައެވެ.

1995ވަނަ އަހަރު ހުޅުވި ސިޓީ ސެންޓާ ދެއިރާ މޯލްއަކީ ދުބާއީގެ އެންމެ މަޝްހޫރު އެއް ފްލޭގްޝިޕް މޯލްއެވެ. ކޮންމެ އަހަރަކު 22 މިލިއަން މީހުން މިމޯލަށް ޒިޔާރަތްކުރެއެވެ. އެމްއެމްޕީއާރުސީ އަދި މުސާފިރު ޑޮޓްކޮމްއިން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ސަބަބުން މި މޯލްއަށް ޒިޔާރަތްކުރާ މެދުއިރުމަތި އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފަރާތްތަކަށް ރާއްޖެ އިސްތިހާރުވެގެންދާނެއެވެ.

މި ކެމްޕެއިން ކުރިއަށް މި ގެންދަނީ އެމްއެމްޕީއާރުސީން މެދުއިރުމައްޗަށް ޚާއްސަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ މި މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ބޭނުންވާ މަންޒިލްގެ ގޮތުގައި ޤާއިމްކުރުމަށެވެ.