ޚަބަރު

ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ބ.އަތޮޅު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތުގެ ކޮންޓެކްޓަރ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިން ވިދާޅުވީ މިހާރު ކުރަމުންދަނީ ފެނުގެ މައި ހޮޅި އެޅުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތުގެ %50 މަސައްކަތް މިހާރު ނިމިފައިވާއިރު، އެރަށުގައި 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކްއެއް ޤާއިމް ކުރާނެއެވެ.

މި މަސްރޫއުގެ ދަށުން ފެންފޯރުކޮށްދިނުމަށް ހަދާ އާރުއޯޕްލާންޓް ބަހައްޓާ އިމާރާތް މިހާރު ނިމުމަކާ ގާތްވެފައިވައިރު، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިން އުފައްދާ ފެން ރައްކާކުރުމަށް 3 ތާންގީ ބަހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

މި މަސްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ހޮޅި އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައި ވާކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ. މިރަށުގައި 4.88 ނަރުދަމާ ނެޓްވޯކެ ޤާއިމްކޮށް556 މީޓަރުގެ ޕަންޕިން ލައިންއެއް އަޅާ 2 ޕަންޕް ސްޓޭޝަނާ 1 ސީ އައުޓްފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކެންދޫ ފެނާ ނަރުދަމާގެ މަސްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 56.24 މިލިއަން ރުފިޔާއަށެވެ.