ޚަބަރު

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު: ދެ ކެނޑިޑޭޓުންވެސް އިއްތިފާގުވަނީ ޕާޓީ ހަރުދަނާކުރަންޖެހޭ ކަމަށް!


ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ އިތުރަށް ހަރުދަނާކުރަންޖެހޭކަމަށާ، އެކަން ކުރައްވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެވާދަވެރި އިންތިޚާބުގައި ދެ ކެނޑިޑޭޓުންވެސް ގެންދަނީ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. ދެ ކެނޑިޑޭޓުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ޗެއަރޕާސަންކަމަށް އިންތިޚާބުވެއްޖެނަމަ ކުރައްވާނެ ކަންކަމުގެ ވަޢުދުތައް ސަޕޯޓަރުންނާ ހިއްސާކުރައްވާފައެވެ.

ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ މެދުގައި ރޭ ރާއްޖެ ޓީވީން ބޭއްވި ބަހުސްގައި ދެ ކެންޑިޑޭޓުންވެސް ވަނީ ޗެއަރޕާސަންކަމަށް އިންތިޚާބުވެއްޖެނަމަ އެންމެ އިސްކަންދެއްވާނެ ކަންކަން ވިދާޅުވެފައެވެ. އެގޮތުން ދެ ކެންޑިޑޭޓުންވެސް އިއްތިފާގުވާ ވާހަކަފުޅަކީ އަދި ސިޔާސަތަކީވެސް 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ އިތުރަށް ހަރުދަނާކުރަން ޖެހޭކަމެވެ.


މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ފިތުނަ ނައްތާލަންޖެހޭކަމަށާ، 2023ގެ އިންތިޚާބު ކާމިޔާބު ކުރުމަށް ގެއްލިފައިވާ އިތުބާރު އަނބުރާ ގެންނަ ޖެހޭކަމަށެވެ. ހަމައެފަދައިން އިމްތިޔާޒް ވިދާޅުވީ، 2023 އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުން މުހިންމުކަމަށާ، އެކަމަށްޓަކައި މިހާރު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ޕާޓީއާމެދު ގެއްލެމުންދާ އިތުބާރު ހޯދުންކަމަށެވެ.

މި ބަހުސްގައި ދެ ކެންޑިޑޭޓުންވެސް އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓު ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއަރޕާސަން އަކީ އެޕާޓިގެ އެންމެ ބާރުގަދަ އަދި ޕާޓީގެ ނިންމުންތައް ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާ މަޤާމެކެވެ. ޗެއަރޕާސަން އިންތިޚާބު ފިޔަވަފާ ޕާޓިގެ ހުރިހާ އިންތިޚާބަކާއި، އިދާރީ މަސްއޫލިއްޔަތުތަކާއި، މެންބަރުން އިތުރުކުރުމާއި، އުސޫލްތައް ދިފާއުކޮށް ރައްކާތެރިކުރުމާއި އެނޫންވެސް ގިނަ ޒިންމާތަކެއް ޗެއަރޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ޗެއްރޕާސަންގެ މަޤާމަކީ ފަސް އަހަރު ދުވަހުގެ މަޤާމެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ބަހުސްއެއް ރޭ ރާއްޖެ ޓީވީން ގެނެސްސީފައިވާއިރު، މިރޭ ސަންގު ޓީވީން އިންތިޒާމުކުރާ ބަހުސްއެއްވެސް އޮންނާނެއެވެ.