ޚަބަރު

އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ނާއިބު ރައީސް ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، އެ މަނިކުފާނު ވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ. މި ބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން އިންތިޒާމު ކުރި ބަހުސެކެވެ.

މި ބަހުސްގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރިކަމުގައި ވިދާޅުވެފައެވެ.

ކޯވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުޞަތު ލިބި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާފައެވެ. އަދި 2021ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ %30 އިތުރަށް ހާޞިލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމަށް މިނިމަމް ވޭޖް ކަނޑައެޅުމުގެ ޤާނޫނެއް ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާޢަތުގެ ސަރވިސް ޗާޖްގެ ގޮތުގައި %10 ނަގަންޖެހޭގޮތަށް ޤާނޫނެއް ވުޖޫދަށް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތާއި ތަރިކަ އާއި، ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުޞަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ޚާއްޞަކޮށް މި ސިނާޢަތުގައި އަންހެނުންނާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ ކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަކީ، ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއްކަން ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ޢަބްދުﷲ ޝާހިދުއާ އަދި އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ވެސް ބައްދަލުކުރައްވާފައެވެ.