ޚަބަރު

ޖޫން މަހު، ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމޭނެ


މިހާރު ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާ ގދ.ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކުންފުނިން އަންނަނީ ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި މިއަހަރުގެ ޖުލައިމަސް ނިމުމުގެ ކުރިން ސަރުކާރާ ތަން ހަވާލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދުގެ ބައެއް ފަޅުރަށްތައްވެސް އެކުލެވޭގޮތަށް 19.9 ހެކްޓަރުގެ ބިން ހިއްކައިގެން އެމްޓީސީސީން ތަރައްޤީކުރަމުން އަންނަ މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ކޯވިޑާ ގުޅިގެން އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގެނައުމުގައި ދަތިތަކެއް ދިމާވެ މަޝްރޫޢަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް މިހާރު ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިޔަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި އެއަރޕޯޓްގެ 1200 މީޓަރު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުން އަންނައިރު އެއަރޕޯޓްގެ ޓާމިނަލްގެ މަސައްކަތާއި ފަޔަރ ބިލިޑިންގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފަރެސްމާ ތޮޑާ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައް ފުދޭވަރަކަށް ބޮޑަށް ނިމިފައިވާކަމަށެވެ. މިގޮތުން ގާތްގަޑަކަށް 900 މީޓަރުގައި ތާރު އަޅައި ނިމިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފަޔަރ ބިލްޑިންއާއި ޓާމިނަލް ބިލްޑިންގއަށް ބޭނުވާ ސާމާނު ގެނައުމުގައި ދަތިތަކެއް ހުރިމާއެކު އެމަސައްކަތް ލަސްވިނަމަވެސް އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އެއަޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ޖުލައިމަހަށް ނިންމުމަށްކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ފަރެސްމާތޮޑާއާއި އެއަރޕޯޓާ ދެމެދު އަޅާ ކޯޒަވޭގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދާ ކޯޒްވޭގެ މަސައްކަތަކީވެސް ބޮޑު މަސައްކަތެއްކަމަށެވެ. އެ މަސައްކަތް ނިންމުމަށް ގާތްގަޑަކަށް 7 މަސްދުވަސް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތަކީ ޓެކްނިކަލް، ބޮޑު މަސައްކަތަކަށް ވުމާއެކު އެއަށް ބޭނުންވާ ޑިޒައިންތައް ހަދައި ނިމި މަސައްކަތްތައް ވަނީ ފަށާފައި. މި މަސައްކަތް އެއްކޮށް ނިންމުމަށް 7 ވަރަކަށް މަސް ނަގާނެ. ކޯޒްވޭގެ މަސައްކަތްތަކީ ވަކިން ކުރިއަށްދާ މަސައްކަތެއް. ޑިޒައިން ކުރުމާއި އީއައިއޭ ހެދުމަށް ފުދޭވަރަކަށް ވަގުތު ނެގި. އަދި އެއަށް ބޭނުންވާ ސާމާނު ހޯދުމަށް ވެސް އުނދަގޫތަކެއްވި." އާދަމް އާޒިމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. މި އެއަރޕޯޓްގެ ޓާމިނަލް ތަރައްޤީކުރާނީ ތަފާތު ހިތްގައިމު ފަރުމާއަކަށެވެ. މިއީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ހަދާ އެންމެ ތަފާތު ޓާމިނަލެވެ.

ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުއަކީ ފަރެސްމާތޮޑާގެ ރައްޔިތުންނާއި އެ ސަރަޙައްދުގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ މަޝްރޫޢުއެވެ. ރައްޔިތުން ތިބީ މިމަސައްކަތް ނިންމައި އެއަރޕޯޓަށް ފްލައިޓް ޖައްސާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދގެ ދަށުން މ.މުލީގައިވެސް އެއައރޕޯޓެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ބ.ތުޅާދޫ، ށ.ބިލެއްފަހި، ތ.ވިލުފުށި، ހދ.މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ އިއުލާންކުރައްވާފައެވެ. 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ މި 6 އެއަރޕޯޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ ހުޅުވާލާފައެވެ.