ވިޔަފާރި

މ. މުލަކުގައި އަމިއްލަ ފަރާތަކުން އައިސް ވިއްކަނީ


މުލަކަތޮޅު މުލަކުގައި އަމިއްލަ ފަރާތަކުން ޤާއިމް ކުރި އައިސް ޕްލާންޓުން ޚިދުމަތް ދޭން ފަށައިފިއެވެ. މުލަކުގައި މި ޚިދުމަތް  ދެމުންދަނީ ފިރޫ އައިސް ކުންފުނިންނެވެ. އެ ކުންފުނީގެ ވެރިޔާ އަބްދުލް މުހައިމިން މައުލޫމާތުދިން ގޮތުގައި މި އައިސް ޕްލާންޓުން ސައުވީސް ގަޑިއިރު ޚިދުމަތް ލިބިގެންދާނެ ކަމަށާއި، މިއީ ދުވާލަކު ވިހި ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ޕްލާންޓެއް ކަމަށެވެ. އޭނާ ބުނީ މިހާރު އައިސް ޓަނެއް ވިއްކަމުންދަނީ އެއްހާސް ދުއިސައްތަ ފަންސާސް ރުފިޔާއަށް ކަމަށެވެ. މިއީ މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް އެޅި ފިޔަވަޅެއް ކަމަށާއި، ރާއްޖޭގެ ކޮންމެ މަސްވެރިއަކަށްވެސް ޚިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓްތައް ހިންގަވަމުން ގެންދަވާ. އަދި އިތުރު ރަށްތަކެއްްގައި އައިސް ޕްލާންޓް ޤާއިމް ކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.  އެގޮތުން މިފްކޯގެ ފަރާތުން، މިހާރުވެސް ހަތް ރަށެއްގައި އައިސް ޕްލާންޓް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ނ.ޅޮއްސާއި، ރ.އަލިފުއްޓާއި، ބ.ތުޅާދޫއާއި، ތ.ހިރިލަންދޫއާއި، ގއ.ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދޫއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ހުޅުމީދޫގައި އައިސް ޕްލާންޓާކާއެކު މަސްވެރިންގެ މެރީނާއެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.