ދުނިޔޭގެ ވިޔަފާރި

ޓްރަމްޕް ބޭރުކޮށްލުމަކީ ޓްވިޓަރއިން ހެދި ގޯހެއް: އިލާން މަސްކު


ޓްވިޓަރ ގަތުމުގެ މުއާމަލާތްތައް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެނަމަ ޓްވީޓަރއިން ބޭރުކޮށްލާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ޓްވިޓަރ ބޭނުންކުރުމުގެ ހުއްދަ ދެއްވާނެކަމަށް ޓްވިޓަރ ގަންނަން އުޅޭ މަޝްހޫރު ބިލިއަނަރު އިލާން މަސްކު ވިދާޅުވެއްޖެއެވެ.

ފައިނޭންޝަލް ޓައިމްސްއިން ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަމުން އިލާން މަސްކު ވަނީ ފުރަތަމަ ފަހަރަށް ޓްރަމްޕް ޓްވިޓަރއަށް އަލުން ގެނައުމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

ކޮންފަރެންސްގައި ވާހަކަދައްކަމުން އިލާން މަސްކު ބުނީ ޓްވިޓަރއިން ޓްރަމްޕް ބޭން ކުރުން ނުވަތަ ޓްވިޓަރ ބޭނުން ނުކުރެވޭ ގޮތް ޓްރަމަޕަށް ހެދުމަކީ ގޯހެއްކަމަށެވެ. މީގެކުރިންވެސް އިލާން ވަނީ ޓްވިޓަރއިން ދާއިމަށް މީހުން ބޭރުކުރުމަކީ އޭނާ ޤަބޫލުކުރާކަމެއް ނޫންކަމަށް ބުނެފައެވެ.

އިލާން މަސްކު ބުނީ އޭނާއަށް ޓްވިޓަރގެ މިލްކުވެރިކަން ލިބިއްޖެނަމަ، ޓްވިޓަރ ބޭނުންކުރުގެ ހުއްދަ އަލުން ޓްރަމްޕަށް ދެއްވާނެކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ޓްވިޓަރއިން މިހާތަނަށް އެއްވެސް ވާޙަކައެއް ދައްކާފައެއް ނުވެއެވެ.

ޓްވިޓަރއިން ޓްރަމްޕް ބޭންކުރީ މިއަަހަރުގެ ޖެނުއަރީމަހު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެނެވެ. އެ ހަމަނުޖެހުންތައް ފެށިގެން ދިޔައީ ރިޔާސީ އިންތިހާބު ކާމިޔާބުނުވުމުން ސޯޝަލް މީޑިއާއާއި އާއްމު ތަންތަނުގައި ދެއްކެވި ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ ސަަބަބުންނެވެ.


ޓްވިޓަރ ބޭނުންކުރުގެ ހުއްދަ އަލުން ޓްރަމްޕަށް ދެއްވާނެކަމަށް އިލާން މަސްކު ބުންޏަސް، ޓްރަމްޕް ވަނީ އެނބުރި ޓްވީޓަރއަށް ނުދާނެކަމަށް ބުނެފައެވެ. އޭގެ ބަދަލުގައި ޓްރަމްޕް ގެންދަަވަނީ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ތަރައްޤީކުރަމުންނެވެ.