ކުޅިވަރު

ހާލަންޑް ސިޓީއަށް ބަދަލުވުމާ މެދު އެއްބަސްވުމަކަށް


މެންޗެސްޓާ ސިޓީއަށް ނޯވޭގެ ފޯވާޑް އާލިން ހާލަންޑް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި ބޮރޫޝިއާ ޑޯޓްމުންޑާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސިޓީއިންވަނީ ޑޯޓްމުންޑާއެކު 51.2 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށް އެއްބަސްވެފައެވެ.

ސިޓީއިން ޑޯޓްމުންޑާއެކު އެއްބަސްވުމަކަށް އާދެވިފައިމިވަނީ ހާލަންޑްގެ އެގްރީމަންޓްގައިވާ ރިލީސް މާއްދާގައިވާ އަދަދު ކަމަށްވާ 60 މިލިއަން ޔޫރޯ ދޭން އެއްބަސްވުމުންނެވެ. މިއެއްބަސްވުމާއެކު މިއަހަރުގެ ޖުލައިމަހު ހާލަންޑް ސިޓީއާއި ގުޅޭނެެއެވެ.

މިއެއްބަސްވުމާއެކު ސިޓީއިން އެޓީމްގެ ކުރީގެ ތަޖްރިބާ ކާރު ކުޅުންތެރިޔާ ސަރޖިއޯ އަގުއެރޯގެ ބަދަލުގައި ގެނައުމަށް މަސައްކަތް ކުރަމުންދިޔަ ފޯވަޑްގެ މަގާމަށް ކުޅުންތެރިޔަކު ހޯދުނީއެވެ. ސިޓީއިން ހާލަންޑް ގެނައުމުގެ ވާހަކަ ފެންމަތިވެގެން އުޅޭތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް ދެކްލަބުންކުރެ އެއްވެސް ކްލަބަކުން ރެއާއި ހަމައަށް މިކަމާއި ބެހޭގޮތުން އެއްޗެއް ބުނަން ދިޔައީ ދެކޮޅު ހަދަމުންނެވެ.

އެކަމަކު ރޭގެ ވަގުތެއްގައި ސިޓީއިން ވަނީ ހާލަންޑްގެ ޓްރަންސްފަރގެ ކަންތަކުގައި ޑޯޓްމުންޑާއި އެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށްފައެވެ. ދެކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް ކުޅުންތެރިޔަ އާއި ކްލަބާއި މެދު އަދި ބައެއް ކަންތައްތައް ނުނިމި ހުރިކަމަށްވެސް ސިޓީއިން ހާމަކުރެއެވެ. މައުލޫމާތު ލިބޭގޮތުގައި ހާލަންޑްގެ އިއްޔެގެ ވަގުތެއްގައިވަނީ ބެލްޖިއަމްގައި ހުރެ ސިޓީގެ މެޑިކަލް ފުރިހަމަ ކޮށްފައެވެ. 2020 ވަނަ އަހަރު ރެޑް ބުލް ސަރލްސްބަރގްއިން ޑޯޓްމުންޑަށް ބަދަލުވި ހާލަންޑް މިހާތަނަށް ވަނީ އެޓީމަށް 88 މެޗް ކުޅެދީ 85 ލަނޑު ކާމިޔާބުކޮށްދީފައެވެ. ހާލަންޑް ހޯދުމަށް ރެއާލް މެޑްރިޑާއި ބާސެލޯނާއިންވެސް މަސައްކަތް ކުރިއެވެ.

ސިޓީއިން މައުލޫމާތު ދޭ ގޮތުގައި ހާލަންޑް އެކްލަބާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެއެވެ. އަދި މުސާރައިގެ ގޮތުގައި ހަފްތާއަކު ގާތްގަޑަކަށް ހަތަރު ސަތޭކަ ހާސް ޕައުންޑް ލިބޭނެއެވެ.