ޚަބަރު

ދުނިޔޭގައިވާ އެންމެ ބޮޑު ހިރިގަލު މަހާނަގާ!


ރާއްޖެގެ އެކި ސަރަޙައްދުތަކުގައި އާސާރީ އެތަކެއް އެއްޗަކާއި އެތަކެއް ބިނާއެއް އެބަހުއްޓެވެ. މިފަދަ އާސާރީ ބީނާތަކުން ދިވެހިންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ފެންނަން އެބަހުއްޓެވެ. ޚާއްސަކޮށް ހިރިގަލުގައި އަތުން ކަނޑައި ނަގައިގެން ކުރަހާފައި ހުންނަ ކުރެހުންތަކާއި ގަލުވަޑާމުން ދިވެހިންގެ ހުނަރުވެރިކަމުގެ އާދަޔާ ޚިލާފުކަން ކިތަންމެހައިވެސް ރަނގަޅަކަށް ދޭހަވެއެވެ. މިއީ ބުރަ އަދި ކަވި މަސައްކަތަކަށްވިނަމަވެސް މި ފަންނުވެރިކަމަކީ އަޖައިބެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިފަދަބިނާތަކުގައި ކުރަހާފައި ހުންނަ ކުރެހުންތަކުން އެއް ވާހަކައެއް ބުނެދޭކަހަލައެވެ. ހިރިގަލު މިސްކިތްތަކާއި މަހާނަގާ ތަކާއި މިނޫނަސް އެތަކެއް އާސާރީ ތަކެތި ނުވަތަ ތަންތަންތަނުން ބުނެދެއެވެ. މިއަދު މިފަދަ ބައެއް ތަންތަނާއި ތަކެތި ނެތިގޮސްފައި ހުރިނަމަވެސް މިހާރު ފެންނަންހުރި ބައެއް ތަންތަނާއިތަކެތި ޙިމާޔަތްކޮށް ބަލަހައްޓަމުން ގެންދެއެވެ.

މިފަދަ އާސާރީ ތަކެއްޗަށް ބަލާއިރު ރާއްޖޭގައިހުރި ހިރިގަލު މަހާނަތަކަކީ މާއްދީ ތަރިކައިގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ އެއްޗެކެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކަހަލަގޮތަކަށް މިފަދަ ގައުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އިހުގެ ބައެއް ގައުތަކަކީ ކަނޑައި ނަގައިގެން ކުރެހުންތަކަކާއެކު ހަދާފައިވާ މަހާނަ ގައުތަކެކެވެ. އިހުގެ ބައެއް މިސްކިތްތައް އުވި ދިޔަނަމަވެސް މިފަދަ ބައެއް ގައުތައް ގަބުރުސްތާނުގެ ވަކި ހިސާބެއްގައި ފެންނަން އެބަހުއްޓެވެ.

ތާރީޚީ ބައެއް ބޭފުޅުން ވިދާޅުވާގޮތުން ދުނިޔޭގައިވެސް ހުރި ހިރިގަލުގެ އެންމެ ބޮޑު މަހާނަގައު ހުރި އައްޑޫ ކޯގަންނަ ގަބުރުސްތަނުގައެވެ.

މި މަހާނަ ގައުތަކުން ބުނެދެނީ ކީކޭ؟

ރާއްޖޭގެ ކޮންމެ ރަށެއްގެ ޤަބުރުސްތާނަކަށް ބަލާލިކަމުގައި ވީނަމަވެސް ތަފާތު މަހާނަ ގައުތަކެއް ފެންނަން ހުންނާނެއެވެ. މިފަދަ މަހާނަ ގައުތައް ފެންނަން ނުހަނުން މަދުރަށެއް ނޫނީ ނުވެއެވެ. މި ގަބުރުސްތާނު ތަކުގައި ތަފާތު ގޮތްގޮތަށް އެކި ބައްޓަމަށް ފަރުމާކޮށްފައި ހުންނަ މަހާނަ ގައުތައް ހުންނައިރު ޢާއްމު ގޮތެއްގައި އެ މަހާނަ ގަލުން ބުނެދެނީ ކީކޭކަމެއް ގިނަބަޔަކަށް މިއަދަކު ނޭގެއެވެ.

އެތާންގައި ވަޅުލާފައި އޮތީ އަންހެނެއްތޯ ނުވަތަ ކުޑަކުއްޖެއްތޯ ނުވަތަ ފިރިހެނެއްތޯ ބައެއް މީހުންނަށް މިއަދަކު އެމަހާނަގަލަށް ބަލައިގެނެއް ނޭގިދާނެއެވެ. އެހެންނަމަވެސް މިއީ އިހުގައި މިގާތަކުން މީހުން ދޭހަކުރި ކަންކަމެވެ. އެކި ބައްޓަމަށް ގާތަށް ފަރުމާ ކުރުމުގެ ބޭނުމެއް އޮވެއެވެ. އެހީ ކޮން ޖިންސެއްގެ މީހެއް ނުވަތަ ކޮންކަހަަލަ މީހެއްކަން ބުނެދިނުމަށެވެ. ތާރީޚީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ގަބުރުސްތާނުގައި ތަފާތު މަހާނަ ގައުތައް ފެންނަން ހުންނައިރު ގައު ފަރުމާކޮށްފައި ހުންނަ ގޮތުން އެތަނުގައި ވަޅުލާފައި އޮތީ އަންހެނެއްތޯ، ފިރިހެނެއްތޯ، ކުޑަކުޖެއްތޯ، ކީތިރި ޤުރުއާން ހިތުދަސް ޙާފިޒެއްތޯ ނުވަތަ އެޒަމާނެއްގައި ކިހާ ފެންވަރެއްގެ މީހެއްތޯ މަހާނަގަލުން ދޭހަވެއެވެ.

އަންހެނަކު ވަޅުލުމަށްފަހު ޖަހާ މަހާނަ ގަލެއްނަމަ، ގަލުގެ މަތީގެ ބައި ހުންނާނީ ވަށްކޮށެވެ. ފިރިހެން ގަލުގައި ހުންނަނީ ގަލުގެ ކޮޅަށް އޫކޮށްލާފައެވެ. ކުޑަކުދިންގެ މަހާނަ ގަލެއް ނަމަ ހުންނަނީ އަންހެން ،ފިރިހެން ގައުތަކާ އެއްގޮތަށް ނަމަވެސް ސައިޒް ކުޑަކޮށެވެ މިގޮތުން ރަރްރަށުގައިހުރި ބައެއް ގަބުރުސްތާނުތަކުގައި ކުދިކުދި ގައުތައް އެއްތަނެއްގައި އެބަހުއްޓެވެ. އެއީ ބަލިމަޑުކަމެއްގެ ސަބަބުން ނިޔާވެފައިވާ ކުޑަކުދިންގެ މަހާނަ ގައުތައްކަމަށް ވެއެވެ. އަދި މި ހުރިހާ ގަލެއްގައިވެސް ކުރެހުންތައް ހުންނަނީ ދާދި އެއްގޮތަކަށެވެ. މީގެ އިތުރަށް ހެވިންގެ ގައު ފަރުމާ ކޮށްފައި ހުންނަނީ ގަލުގެ ދެ އަރިމަތި ކޮނޑުގެ ބައްޓަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުންނަކީ އަބަދުވެސް އަޅުގަނޑުމެން ދިވެހިން އެބަޔަކަށް ވަރަށްބޮޑު އިޙްތިރާމަކާއި ޤަދަރެއްކުރާ ބައެކެވެ. ޙާފިޒުން ނިޔާވުމުންވެސް މި އިހުތިރާމް ދެމެހެއްޓުމުގެގޮތުން ޚާއްސަ ބައްޓަމަކަށް އެމީހުންގެ މަހާނަ ގައުތައް ފަރުމާކުރެއެވެ. ބުނެވޭގޮތުގައި ހާފިޒުންގެ މަހާނަ ގަލަށް ކިޔާ އުޅޭނީ ކަންފަތް ކީލިއެވެ. މި ގަލުގެ ވަށައިގެން ކަންފަތުގެ ބައްޓަމަށް އެތިއެތިކޮޅު ހުރެއެވެ. އައްޑޫ ފުވައްމުލަކުގައި މިފަދަ ބޭކަލުންގެ މަހާނަތައް އެއްތަން ކުރެވިފައި އެބަހުއްޓެވެ. މިގޮތުން އައްޑޫ ކޯގަންނަ ގަބުރުސްތާނުގައާއި މެދު ޒިޔާރަތުގައި އައްޑޫގެ ރައްޔިތުންނަށް އިސްލާމް ދީން އުނގަންނަވައިދެއްވި ބޭފުޅާގެ އާއިލާ ބޭފުޅުންގެ މަހާނަގައުތައް އެބަހުއްޓެވެ.

ގަބުރުސްތާނުތަކުގައި މިފަދައިން ހުންނަ މަހާނަ ގައުތައް ދިރާސާ ކުރެއްވުމުގައި 20 އަހަރަށްވުރެ ގިނި ދުވަސް ހޭދަކުރައްވާފައިވާ ޤައުމީ ތަރިކަ ކޮމެޓީގެ މެމްބަރު މަރިޔަމް އީޝާ އަޒީޒް ވިދާޅުވީ މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ނިޔާވުމުން ވަޅުލުމަށްފަހު ޖަހާފައި ހުންނަ މިފަދަ ހިރިގަލު މަހާނަތަކަކީ ވަރަށްމަދުން ފެންނަ މަހާނަ ގައުތަކެއްކަމަށެވެ. އަދި އެފަދަ މަހާނަގައު ތަކުގައި އޭނާ ވިހޭ ކުއްޖާގެ ޖިންސު އަންގައިދީ ކުޑަކުއްޖާގެ މަހާނަ ގައު ކަނޑާނަގާފައި ހުންނަކަމަށެވެ.

ރަސްރަސް ކަލުންނާއި ރަނިންގެ މަހާނަގައުތަކަށް ބަލާއިރު މިފަދަ މަހާނަގައުތައް ހުންނަނީ ވަރަށް ބޮޑުކޮށް ހަދާފައެވެ. އެހެން ގައުތަކާ އަޅާބަލާއިރު ކަނޑާ ނެގުމުގެ މަސައްކަތްތައްވެސް ވަރަށް ފުރިހަމައަށް ކޮށްފައި ހުރެއެވެ. އަދި އެފަދަ ގައުތައް ޒިނަތްތެރިކުރުމުގެ ގޮތުން ތަފާތު އުކުޅުތައް ބޭނުންކޮށްފައި ހުންނަކަމަށާއި ބައެއް ގައުތަކުގައި ލޯ ލާރި ގޭނުމަށްފަހު އުނގުޅާފައި ހުންނަކަމަށް އީޝާ ވިދާޅުވިއެވެ. މީގެ އިތުރަށް ރަސްމަތި ފުށުގެ ބޭފުޅުންގެ މަހާނަ ގައުތަކުން ކަނޑާ ނެގުމުގައި އަރިމަތީގައިވެސް ކަނޑާ ނަގާފައި ހުންނަ މަންޒަރުތައް ހުންނަކަމަށް އިޝާ ވިދާޅުވިއެވެ. އަދި މިފަދަ ގައުތަކުގައި ހުންނަ މަޢުލޫމާތުގެ އަލީގައި ދަރިފަސްކޮޅު ހޯދަން ފަސޭހަކަމަށާއި އެންމެ ގިނައިން ރާއްޖޭގެ ހުވަދޫ ހިސާބުގައި މިފަދަ ގައުތަކުގެ މަސައްކަތްތެރިކަން ވަރަށް ފުރިހަމައަށް ހުންނަަކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގައިވެސް ހުރި އެންމެބޮޑު ހިރަގަލު މަހާނަގައު

އައްޑޫ ސިޓީ މީދޫ ކޯގަންނު ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ޤަބުރުސްތާނެއްގެގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅާ ރާއްޖޭގައި ހެދުނު އެންމެފުރަތަމަ ޤަބުރުސްތާނެވެ. ބުނެވޭގޮތުގައި މި ޤަބުރުސްތާނަށް 900 އަށްވުރެ ގިނަ އަހަރު ވެފައިވެއެވެ. މި ޤަބުރުސްތާނަކީ މިހާރު ވޯލްޑް މޮނިއުމަންޓް ފަންޑް ލިސްޓުގައިވެސް ހިމެނިފައިވާ ޤަބުރުސްތާނެކެވެ.

ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެގިނައިން ރާއްޖޭގައި ފެންނަންވެސް ހުރި ޤަބުރުސްތާނެވެ. އެގޮތުން 1500 އަށްވުރެ ގިނަ މަހާނަގައު މި ޤަބުރުސްތާނުގައި ހުރިއިރު، އޭގެ ތެރޭގައި ޙާފިޘުންގެ މަހާނަގައުކަމަށް ބަލައިއުޅޭ މަހާނަގައުތައް އެބަހުއްޓެވެ. އަދި އިހުގެ ދަންނަބޭކަލުންގެ މަހާނަގައުތައްވެސް އެބަހުއްޓެވެ. ކޯގަންނު ޤަބުރުސްތާނުން ފެންނަހުރި މަހާނަގައުތަކުގައި އެކި ކަހަލަ ކަނޑާނެގުންތަކާއި އެކި ޑިޒައިންނާއި ލިޔުންތައް ފެންނަން އެބަހުއްޓެވެ. އަދި ލިޔުންތަކަށް ބަލާއިރުވެސް ޢަރަބި، ދިވެސްއަކުރު އަދި ތާނައިގެ ލިޔުންތައް ފެންނަން އެބަހުއްޓެވެ. މި މަހާނަގާތަކުގެ ތެރޭގައި އާއްމުކޮށް ރާއްޖޭގެ ޤަބުރުސްތާނުތަކުން ފެންނަންނެތް ބޮޑެތި މަހާނަގާތައްވެސް އެބަހުއްޓެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް މިގޮތަށް ހުރި އެންމެބޮޑު ހިރިގަލު މަހާނަގައު ހުރީ އެ ޤަބުރުސްތާނުގައި ކަމެވެ. ގަލުގެ އުސްމިން 7 ފޫޓަށްވުރެ އުހެވެ. އެއީ އަންހެނަކު ވަޅުލުމަށްފަހު ޖަހާފައިވާ މަހާނަ ގަލެކެވެ. އެއީ ރާއްޖޭގައި ރަސްކަން ކުރެއްވި ދެ ރަސްކަލެއްގެ މައިދައިތާފުޅު އައްޑޫ ކަދީދާ މަނިކުފާނުގެ މަހާނަގައި ޖަހާފައިހުރި މަހާނަ ގަލެވެ.

ކަދީދާ މަނިކުފާނަކީ މީލާދީން 1774ވަނަ އަހަރުން ފެށިގެން 1779ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު މުއިއްޒުއްދީން، ކަޅުބަންޑާރައިންނާއި އެރަދުންގެ ކޮއްކޯފުޅު އައްސުލްޠާން ހަސަން ނޫރައްދީންގެ އަނބިކަނބަލުންގެ މަންމާފުޅުގެ މަހާނަގަލެވެ. ހަސަން ނޫރައްދީން ރަސްކަން ކުރެއްވީ 1779ވަނަ އަހަރުން 1799ވަނަ އަހަރާ ހަމައަށެވެ. ބުނެވޭ ގޮތުގައި މި ދެ ރަސްކަލުންގެ މައިދައިތާފުޅު ދެކެ ވެވަޑައިގެންނެވި ލޯބިފުޅުގެ ބޮޑުކަމުން މައިދަތާފުޅު އަވަހާރަވުމުން މަހާނަގަލުގެ ގޮތުގައި ރީތިގަލެއް ޖެހުމަށް އެންގެވިއެވެ.

ކޯގަންނު ޤަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު، އެ ޤަބުރުސްތާނުގައި ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖެއިން ހިމެނުމަށް ހުށަހަޅާފައިވާ މިސްކިތްތަކުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ. މިއީ އަސްލު ގޮތުގައި މިސްކިތުގެ ޙާލަތު ރަގަނޅަށް ހުރި ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ކުޑަ ގަލުވަޑާމުގެ މިސްކިތެވެ.

ގާތްގަނޑަކަށް 105000 އަކަފޫޓުގެ ބޮޑު ކޯގަންނު ޤަބުރުސްތާނުގައި ފަނޑިޔާރު މިސްކިތުގެ އިތުރުން ދެން ފެންނަންހުރި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތެވެ. މީގެ އިތުރުން ކޯގަންނު މެދުޒިޔާރަތަކީވެސް މި ޤަބުރުސްތާނުން ފާހަގަކޮށްލެވޭ ތަނެކެވެ.

ޤަބުރުސްތާންތަކުގައި ހުންނަ މިފަދަ ކޮންމެ ގަލެއްގައިވެސް ކުރެހުންތައް ކުރަހާފައި ހުންނައިރު އެކި ސަރަޙައްދުގެ މަސައްކަތްތެރިކަން ފެންނަން އެބަހުއްޓެވެ. މަހާނަ ގައުތަކުގައި ހުންނަ ކުރެހުންތަކުގެ ޑިޒައިންތައް އާސާރީ ބައެއް މިސްކިތްތަކުންވެސް ފެންނަން އެބަހުއްޓެވެ. މިގޮތުން ގޮށް ކުރެހުމާއި ގޮޅިތަކެއްހެން ގުޅެމުން ކުރަހާފަހުންނަ އޮޅާލި ކުރެހުންތައްވެސް މިފަދަ މަހާނަ ގައުތަކުގައި އެބަހުއްޓެވެ.