ކުޅިވަރު

ސެމީން ބަލިވެ ރާއްޖޭގެ އަންހެން ދެ ޓީމަށް ލޯ މެޑެލް


ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބަލިވެ ރާއްޖޭގެ ޖޫނިއާ އަދި ކެޑޭޓް އަންހެން ޓީޓީ ޓީމަށް ލޯ މެޑެލްއިން ފުއްދާލަން ޖެހިއްޖެއެވެ.

އަންގާރަ ދުވަހު މެންދުރު ކުޅުނު ސެމީގެ މެޗުން ޖޫނިއާ އަންހެން ޓީމު ބަލިވީ ސްރީ ލަންކާއާ ބައްދަލުކޮށް 3-2 ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅެންއެރިއިރު، އެ ގޭމު ލަންކާއިން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 9-11، 11-13 އަދި 7-11 އިންނެވެ.

މި މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުޅެންއެރިއިރު، މި ގޭމު ދީމާ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދީމާ ގެންދިޔައީ 11-8، 11-9، 9-11 އަދި 7-11 އިންނެވެ. އަދި މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ މުޙައްމަދު އިބްރާހީމް ކުޅެންއެރިއިރު، މި ގޭމު ލަންކާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 5-11، 13-11 އަދި 10-6 އިންނެވެ.

މި މެޗުގެ ހަތަރުވަނަ ގޭމުގައި ރާއްޖޭގެ ދީމާ ކުޅެންއެރިއިރު، މި ގޭމު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދީމާ ގެންދިޔައީ 11-7، 11-6 އަދި 11-7 އިންނެވެ. އަދި މެޗުގެ ފަހު ސެޓުގައި ރާއްޖެއިން ކުޅެންއެރީ ރަފާއެވެ. މި ގޭމުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 12-10، 11-9 އަދި 13-11 އިންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ކެޑޭޓް ބައިގެ އަންހެން ސެމީ ފައިނަލުން ރާއްޖެ ބަލިވީ ވަރުގަދަ އިންޑިއާ އަތުން ސީދާ ތިން ގޭމުންނެވެ.
މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ދީމާ އިންޑިއާގެ ޖެނިފާ އަތުން ބަލިވީ 3-1 ސެޓުންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު ދީމާ ގެންދިޔައީ 6-11 އިންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓު، 6-11، 6-11 އަދި 12-10 އިން ޖެނިފާ ވަނީ ކާމިޔާބުކޮށްފައެވެ.

ދެވަނަ ގޭމުގައި އިންޑިއާގެ ހަންސިނީ އަތުން ރާއްޖޭގެ މިޝްކާ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އިންޑިއާގެ ހަންސިނީ ކާމިޔާބުކުރީ 11-5، 11-5 އަދި 11-4 އިންނެވެ. އަދި ތިންވަނަ ގޭމުވެސް އިންޑިއާއިން ކާމިޔާބުކުރީ ތިން ސެޓުންނެވެ. ތިންވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ ކުޅުނީ އިންޑިއާގެ ސަންދުޔާ އާއި ޖެނީފާގެ ޕެއާ އާއި ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ، 11-3، 11-5 އަދި 11-2 އިންނެވެ.

މި މެޗުތަކާއެކު ރާއްޖެއަށް ޓީމު އިވެންޓުތަކުގެ މެޗުތައް ވަނީ ނިމިފައެވެ. މި މުބާރާތުގެ ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ކެޑޭޓް އަދި ޖޫނިއާ ޓީމުން ލޯ މެޑަލް ހޯދިއިރު، ފިރިހެން ޓީމުތައް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ މޮޅެއް ނުލިބިއެވެ.