ޚަބަރު

މުސްތޮގެ ފިހިން އެތައް ވާހަކައެއް! މިހާރު ވިސްނުން ހުރީ ޒުވާނުން މިދާއިރާއަށް ނެރުމަށް!


ތަފާތު އެކިވިޔަފާރި ރާއްޖޭގެ އިޤްތިސާދުގެ ތެރެއަށް އިތުރުވަމުންދާއިރު، އެކި ކަހަލަ ހުނަރުވެރި ޒުވާނުންވެސް އަންނަނީ މަގުތައްކޮށައި އެމީހުންގެ ފަންނުތައް އާރާސްތުކުރަމުންނެވެ.

ރާއްޖޭގައި ޒުވާނުންގެ ހުނަރުވެރިކަން ފެންނަ ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ކުރިއޭޓިވް އާޓްސްގެ ދާއިރާއެވެ. ރާއްޖޭގައި މި ދާއިރާ ފުޅާވަމުންދާއިރު، ހުނަރުވެރި އެތައް ޒުވާނުންނެއް ދަނީ މިދާއިރާއަށް ނުކުންނަމުންނެވެ. މިފަދަ އެއް ޒުވާނަކީ ކުޅުދުއްފުށީ ސިޓީ ލައިޓްހައުސް ޢުމުރުން 23 އަހަރުގެ މުސްޠަފާ މުޙައްމަދު، (މުސްތޮ)އެވެ.

ކުރިއޭޓިވް އާޓްސްގެ ދާއިރާއަކީ ރާއްޖޭގެ މުޖުތަމަޢަށް އެހާ ފަރިތަ ދާއިރާއެއް ނޫނެވެ. އެހެން ނަމަވެސް މުސްތޮގެ ވާހަކަ ތަފާތެވެ. މި ދާއިރާގައިވެސް ގިނަ ފުރުސަތުތަކެއް ހުރިކަން މުސްތޮ ފާހަގަކުރެއެވެ. މޮސްތޮ ބުނީ މި ދާއިރާއަށް ވަދެވުނީ ކެރުހުމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަަބަބުން ކަމަށެވެ.

" ކުރިއޭޓިވް ވަރަށް ބައިވަރު މަސައްކަތްކުރަމުން ގޮސް، މީހުންގެ ސަމާލުކަމަށް އައިސް، މީހުން އެކި މަސައްކަތްކޮށްދޭން އެދެން ފެށީ، ދެން އެއަށް އަގެއްވެސް ކިޔަން ފެށީ، އެއީ މި ވިޔަފާރިއަށް ވަދެވުނު ގޮތަކީ،" މުސްތޮ ބުންޏެވެ.

މުސްތޮއަކީ ކްރިއޭޓިވް ތަފާތު އެކި މަސައްކަތްތައްކުރާ ޒުވާނެކެވެ. އެގޮތުން ވީޑިއޯ އެޑިޓިންގާއި، ގްރެފިކް ޑިޒައިނިން، ކުރެހުންފަދަ އެތައް ހުނަރެއް އޭނާގެ ކިބައިގާ ވެއެވެ. މުސްތޮ ބުނީ އޭނާގެ ވިޔަފާރި އިސްތިހާރުކުރުމަށް ބޭނުންކުރަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަށް ކަމަށެވެ. އެގޮތުން އޭނާދަނީ އިންސްޓަގްރާމްގައި "ކުލަ ފިހީ"ގެ ނަމުގައި ޕޭޖެއް ހިންގަމުންނެވެ.

މުސްތޮ ބުނީ މިއީ ޢާމްދަނީ ހޯދުމަށްވެސް ރަނގަޅު ދާއިރާއެއް ކަމަށެވެ. އެގޮތުން މީގައި މުހިންމީ އާޓުގެ ތަފާތު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުންކަމަށާ، އަދި ކުރިއާ ޚިލާފަށް މީހުންގެ މެދުގައިވެސް މި ދާއިރާއަށް އޮންނަ ހޭލުންތެރިކަން މިހާރު އިތުރުކަން މުސްތޮ ފާހަގަކުރެއެވެ.

"ރާއްޖޭގައި މިހާރު ވަރަށް އެޕްރިޝިއޭޓުކުރާ ކޮމިއުނިޓީއެއް މިއޮތީ،. ކުރިން ވެއްޖެއާ މިއީ މާބޮޑު މަސައްކަތެއް ނޫން،. ފައިނޭންޝިއަލީވެސް ވެލިއުއެއް އޮތް ދާއިރާއެއް ނޫން، އެހެން ނަމަވެސް މިހާރު މިއީ ފައިނޭންޝިއަލީވެސް ރަނގަޅު ދާއިރާއެއް، " މުސްތޮ ބުންޏެވެ.

މުސްތޮ ބުނީ އޭނާގެ ހުރިހާ މަސައްކަތަކާމެދުވެސް ހިތްހަމަޖެހޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ފެން މީޓަރު ކުރެހުން ކަމަށެވެ.

އެކުރެހުމާ ގުޅޭގޮތުން ވާހަކަދައްކަމުން މުސްތޮ ބުނީ އެ ކުރެހުމުން ފެންނަނީ ހަނަފަސް ބިމެއްގައި ހުންނަ ވަރަށް ބޮޑު ދެ ފެން މީޓަރު ކަމަށެވެ. ދެ ފެން މީޓަރުގެ މެދުގައި "ލައިފް" ފެން ފުޅިއެއް ތާށިކޮށްފައި ހުންއިރު މީގެން ދައްކާދޭން މޮސްތޮ ބޭނުންވަނީ ފެނުގެ މުހިއްމު ކަމާއި އޭގެ ކޮންޓްރޯލް އެއްބައެއްގެ ކޮންޓްރޯލަށް ގެންދިޔުން ރަނގަޅު ނޫންކަމެވެ.

މުސްތޮ ބުނީ އޭނާ ބޮޑަށް ޝައުގުވެރިވަނީ މުޖުތަމައުގައި ހުންނަ މައްސަލަތައް ކުރެހުންތަކުން ދެއްކުމަށް ކަމަށެވެ. އަދި ކުރެހުން ފެނުމުން ބަލާ މީހާއަށް އެއިން ފުންމާނައެއް ހޭދަވާފަދަ ކުރެހުންތައް ގެނެސްދޭން މަސައްކަތްކުރާކަމަށް މުސްތޮ ބުނެއެވެ.

" ކޮންމެހެން އިޝޫތަކަކަށްވެސް ނޫން،. އޮޕީިނިއަން އުފެދޭ ކަންތައްތަކަށް ފޯކަސް ކުރަނީ،. ގިނަ ފަހަރަށް މައި އޮޕީނިއަން ހުންނާނީ ގެނެސްދީފަ،. ދުނިޔޭގެ މަޝްހޫރު މީހުންގެ މިފަދަ އެއްޗެހިން އިންސްޕަޔަރވީ މިގޮތަށް ކުރެހުންތައް ގެނައުމަށް،." މުސްތޮ ބުންޏެވެ.

މުސްތޮގެ ވިސްނުން މިހާރު ހުރީ ކުރެހުމުގެ ދާއިރާއަށް އިތުރު މީހުން ނެރުމަށެވެ. އޭނާއަށް ލިބިފައިވާ ހުނަރު އެހެން މީހުންނަށް ދަސްކޮށްދިނުމަށެވެ. މުސްތޮ ދެކޭގޮތުގައި މިދާއިރާ އިތުރަށް ކުރިއަރާނީވެސް މި ދާއިރާއަށް ނުކުންނަ ކުދިން އިތުރުވެގެންނެވެ. އެހެންކަމުން އޭނާގެ ވިސްނުން ހުރީ މިދާއިރާއިން ކޯސްތަކެއް ހިންގުމަށެވެ.