ޚަބަރު

ފުރަތަމަ ކުއާޓަރގައި ކޮންސްޓްރަކްޝަން ސިނާއަތް ފިޔަވައި އެހެން ސިނާއަތްތަކަށް ކުރިއެރުން


މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތް ފިޔަވައި ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު އެހެން ހުރިހާ ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށް އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކުރައްވާފައިވަނީ، ކޮންމެ ތިންމަހަކުން އެއްފަހަރު ނެރޭ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ. އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގެ މިހާރުގެ ޙާލަތާއި ކުރިއަށްއޮތް ކުއާޓަރގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިއްމު ހަތަރު ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލްއާއި ރީޓެއިލް ސިނާއަތުގައި ޙަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާ ސުވާލުކޮށް މަޢުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސާވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.

އެމްއެމްއޭގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ބިޒްނަސް ސާވޭ ރިޕޯޓުގައިވާގޮތުން، ޖުމުލަ ގޮތެއްގައި ސާވޭކުރެވުނު ހުރިހާ ދާއިރާއެއްވެސް، އެ ކުއާޓަރުގައި ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާ ފިޔަވައި ސާވޭ އަމާޒުކޮށްފައިވާ ހުރިހާ ދާއިރާއެއްގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ޙާލަތު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރއާ އަޅާބަލާއިރު ރަގަނޅުވެފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ޢަދަދުތަކަށް ކުރިއެރުން ލިބިފައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ވަޒީފާދޭ މިންވަރުވަނީ މަޑުޖެހިލާފައިކަމަށް ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވެއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި، ފަތުރުވެރިކަމުގެ ދާއިރާ ދަށްވެގެންދާނެކަމަށް ޢާމްދަނީ އަދި ރިސޯޓު ބުކިންގްގެ މިންތަކުން ވަނީ ލަފާކޮށްފައެވެ. ހަމައެއާއެކު، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތަކުގެ ދާއިރާވެސް ދެވަނަ ކުއާޓަރުގައި ދަށްވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ދެވަނަ ކުއާޓަރގައި ޢިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތާއި އޯޑަރު ލިބޭނެ މިންވަރު އިތުރުވެގެންދާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

2022ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މާޗުމަހުގެ 24އިން އެޕްރީލް21ގެ ނިޔަލަށެވެ. އެގޮތުން، ފަތުރުވެރިކަން، ޢިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް ހަތަރު ދާއިރާއަކުން، ޖުމުލަ 191 ބޮޑެތި ކުންފުންޏަކަށް މި ސާވޭގައި ބައިވެރިވުމަށް ފޯމު ފޮނުވާފައިވެއެވެ. މީގެ ތެރެއިން 134 ކުންފުންޏަކުން މި ސާވޭގައި ބައިވެރިވެފައިވާކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން ޢާއްމުކުރާ ބިޒްނަސް ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.