ވިޔަފާރި

ހުޅުމާލޭގައި ޢިމާރާތްކުރާ އެސްއެމްއީ ޕާކު ހަދައިދޭނެ ބަޔަކު ހޯދަނީ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކުރާ "އެސްއެމްއީ ޕާކް" ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މިތަން ޢިމާރާތްކުރަނީ 6 ފަންގިފިލާއަށެވެ.

ހުޅުމާލޭ އެސްއެމްއީ ޕާކް އިމާރާތަކީ 5006 އަކަފޫޓުގެ ބިމެއްގައި ޢިމާރާތްކުރާ ތަނެކެވެ. ބީސީސީން ވިދާޅުވީ އެސްއެމްއީ ޕާކަކީ އެންމެ ކުދި ވިޔަފާރިތަކައި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމާއެކު ބީސީސީން ޢިމާރާތްކުރަން ނިންމައިފައިވާ ތަނެއްކަމަށެވެ.

އެސްއެމްއީ ޕާކުގައި، މޭކަރ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓު ތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅުފެންވަރެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިންގ ފެސިލިޓީއެއް ގާއިމް ކުރާނެއެވެ. މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތިން، "ވެލިއު އެޑެޑް" އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީސީސީއިން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ މާލޭގައި 3 ފަންގިފިލާގެ އެސްއެމްއީ ހަބެއްވެސް އިމާރާތްކުރަމުންނެވެ. މިތަނުގެ ފުރަތަމަ ފަންގިފިލާ ވަރަށް އަވަހަށް ހުޅުވޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.