ކުޅިވަރު

ކޮމަންވެލްތު ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަން: މަޚްލޫފް


ކޮމަންވެލްތު ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި މި މުބާރާތް ބޭއްވުމުން ދޭހަވަނީ އެއް ކުޅިވަރެއްގެ ބަދަލުގައި ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، މުޅި ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އައްޑޫ ސިޓީގައި އާއި ފުވައްމުލަކުގައި ޓީޓީ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިހާރު ޙާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ކޮމަންވެލްތު ގޭމްސްގެ ޖޫނިއާ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވަނީ މި މުބާރާތް ބޭއްވުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރަސްމީކޮށް ހޯމަ ދުވަހުގެރޭ ފެށިއިރު، މި މުބާރާތުގައި ދެކުނު އޭޝިއާގެ ހަ ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. އެއީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާންއެވެ.

މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވި މުބާރާތުގެ ކެޑޭޓް ބައިގެ ފައިނަލުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ވާދަކޮށްފައެވެ.