ޚަބަރު

ޚާރިޖީ ވަޒީރު ސަޢޫދީއަށް ފުރާވަޑައިގަންނަވައިފި


ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިޔަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ޚާއްސަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ، އޯއައިސީގެ ދަޢުވަތަކަށް ދުންޔާ ކުރައްވާ ދަތުރުފުޅެކެވެ.  އަދި އޯއައިސީގެ މި ބައްދަލުވުމުގައި އީރާނާއި ސަޢޫދީގެ ދެމެދު ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، އިސްރާއީލުން ޕަލަސްތީންގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. 57 މެމްބަރު ޤައުމު ހިމެނޭ އޯއައިސީއަކީ، އިސްލާމީ ޤައުމުތައް ރަމްޒުކުރާ އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. މިޖަމިއްޔާއަކީ، ބައިނަލްއަޤްވާމީ ޖަމާތްތަކާއި ގުޅިގެން މުސްލިމް ޤައުމުތަކަށް އަދި އެޤައުމުތަކުގައި ކުރިޔަށްދާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކި މަޝްވަރާކޮށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. ރާއްޖެއިން އޯއައިސީގެ މެންބަރަކަށް ވެފައިވަނީ، 26 ޖުލައި 1976ގައެވެ.