ގދ.ގައްދޫގައި ތަރައްޤީކުރާ އައު ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. އެ މަސައްކަތް ފެށުމަށް އެމްޓީސީސީން މިހާރު ވަނީ ސައިޓް މޮބިލައިޒްކޮށްފައެވެ.
އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅޭ ގދ. ގައްދޫގައި އޮތް އިހުގެ ބަނދަރު ބޮޑުކޮށް ނިމިދިޔަ ސަރުކާރުންވަނީ އެރަށުގައި ބަނދަރެއް ހަދާފައެވެ. ހަލުވިމިނުގައި ތަރައްޤީވަމުން އަންނަ ގައްދޫއަށް މިބަނދަރު ކުޑަވެ ބަނދަރުގެ ސައިޒު ބޮޑުކުރުމަށް ރައްޔިތުން އެދުމުން ރައްޔިތުން އެދޭގޮތަށް އެމްޓީސީސީންވަނީ ގައްދޫގައި ޓީޖެޓީއަކާއެކު ދެވަނަ ފިޔަވަހީގެ ދަށުން ބަނދަރެއް ތަރައްޤީކޮށްފައެވެ. އެހެންނަމަވެސް އޭރު ރައްޔިތުން އެދުނުގޮތަށް ބަނދަރުގެ ޑިޒައިނަށް ގެނެވުނު ބަދަލު ވެފައިވަނީ ކުރީގެ ބަނދަރު ބޭނުންކުރުމަށް ހުރަސްތަކެއް ކުރިމަތިވީ ސަބަބަކަށެވެ. މިއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކާއި އޮއެބާރުވާ ދުވަސްވަރު ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރަށާއި ލޯންޗުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އަރާފޭބުމަށްވެސްވަނީ ދަތިތައް ކުރިމަތިވެފައެވެ.
މިމައްސަލަ ޙައްލުކޮށް އެރަށުގެ ބަނދަރު ރައްޔިތުންނަށް ބޭނުން ހިފޭ ފަދަ ބަނދަރަކަށް ހެދުމަށްޓަކާ މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެމްޓީސީސީން ވިދާޅުވީ ގައްދޫ ބަނދަރުގެ މަސައްކަތް ފެށުމަށް މިމަހުގެ 7ވަނަ ދުވަހު ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 07 މެއި 2022 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި.#MTCCProjects #RayyithungeKunfuni pic.twitter.com/cEId0zEMfx
— MTCC Plc (@MTCCPlc) May 9, 2022
އެމްޓީސީސީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގައި ބަނދަރުގެ އެއްގަމު ތޮށި މުޅިން މަރާމާތުކުރުން ހިމެނެއެވެ. އެއީ 320 މީޓަރުގެ އެއްގަމު ތޮށްޓެކެވެ. މީގެއިތުރުން 232 މީޓަރުގެ ބޭރު ތޮށި ލުމާއި، 35 މީޓަރުގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. ބަނދަރު ހަދަނީ އެއްގަމު ތޮށްޓާއި ބޭރުތޮށި ގުޅާލުމަށް ކުޑަ ބްރިޖަކާއެކުއެވެ. އެއީ 26މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެކެވެ.
މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައްވެސް މީގެތެރޭގައި ހިމެނެއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ 1އަހަރުން ނިންމާގޮތަށް، 38.41 މިލިއަން ރުފިޔާއަށެވެ.