ވިޔަފާރި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ގައި


ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާ އޮންނާނީ 29 މޭ ވާ އާދިއްތަ ދުވަހުގެރޭ 8:30 ގައި ހޮޓެލް ޖެންގައެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެފައިވަނީ ޕްރީ-ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށްކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެޑައިގަތުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ޕްރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ. މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރުން އޮންނާނެއެވެ. އަދި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމާއި، ޗެއަރޕާސަންގެ އުޖޫރައާއިމެދު ގޮތެއް ކަނޑައެޅުން އޮންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން މިމަހުގެ 9 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މި މުއްދަތުގެ ނިޔަލަށް ރަޖިސްޓްރީ ފުރިހަމަކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ބީއެމްއެލްއިން ބުނެއެވެ.

2021 ވަނަ އަހަރުގެ އިންޓެރިމް އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާގެ މަގުން ޖުމްލަ ދުއިސައްތަ ފަންސާސް އަށް މިލިއަން، ތިންލައްކަ ތިރީސްދެހާސް ސަތޭކަ ފަސްދޮޅަސް ރުފިޔާ ބެހުމަށް ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާއިން ފާސްކުރަމަށްޓަކައި ހުށަހެޅުމަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

2022 ވަނަ އަހަރު ބޭންކް އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮޑިޓް ފަރމްތަކުން އަގުހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 2 ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެއީ އަރންސްޓް އެންޑް ޔަންގް އާއި ކޭޕީއެމްޖީއެވެ.