ޚަބަރު

ބޭ އޮފް ބެންގޯލްގައި އުފެދުނު ދެ ކޮޅިގަނޑުވެސް ޠޫފާނަކަށް ބަދަލުވެއްޖެ


ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ، މިކަމުގެ އަސަރު ނުސީދާގޮތުން ރާއްޖެއަށް ކޮށްފާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބޭ އޮފް ބޭންގޯލްގެ މެދުތެރޭގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެފައިވާކަމަށެވެ. މި ޠޫފާނަށް ދީފައިވަނީ "އަސަނި" މި ނަމެވެ. މި ޠޫފާން މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށާއި ދިމާލަށްކަމަށާއި، މިމަހުގެ 10 ވަނަ ދުވަހު އެ ސަރަޙައްދުގެ އައްސޭރިފަށާއި ވަރަށް ކައިރިއަށްގޮސް، އޭގެ މިސްރާބު އުތުރަށް ބަދަލުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދު ޠޫފާން "އަސަނި"ގެ ބާރު އިތުރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ދެވަނަ ކޮޅިގަނޑުވެސް މިހާރު ޠޫފާނަކަށް ބަދަލުވެފައިވާއިރު، މި ޠޫފާނަށް ދީފައިވަނީ "ކަރިމް" މި ނަމެވެ. މި ޠޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާއި ވަރަށް ދުރުން، އިންޑޮނޭޝިއާއި އޮސްޓްރޭލިއާ ސަރަޙައްދަށްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މި ދެ ޠޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނުން އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް ވައިގަދަވެ ވިއްސާރައިގެ އަސަރުކުރާނެކަމަށާއި، މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވެފައި ކެރީގެ އަސަރުކުރާނެކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް މިއަދުވެސް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. ހުޅަނގާއި ހުޅަނގު އުތުރުން ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 8 ފޫޓު ހުންނާނެކަމަށާއި، އުތުރުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ވީހާވެސް ބޮޑަށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. ޚާއްސަގޮތެއްގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައި ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.