ޚަބަރު

ވިލިމާލޭ ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓް ޢާއްމުކޮށްފި


ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ފައިނަލް ލިސްޓުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު 2900 މީހަކަށް ވަނީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ހުރިހާ ފޮށްޓެއްވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން މާލެ އަދި ހުޅުމާލޭގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިނުވާތީ، މާލެ އަދި ހުޅުމާލޭގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

2022 މޭ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާގައި (ޕީ.އޭ ކޮމްޕްލެކްސް) ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.