ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިދިޔަމަހުގެ 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރްސަލެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފަޓަމައިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 500,000.00 (ފަސްލައްކަ) ރުފިޔާއަށް އަރައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ވަނީ ޙަވާލުކޮށްފައެވެ.