ޚަބަރު

ގޫޗީގެ ފިހާރަތަކުންވެސް ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށަނީ


އިޓަލީގެ އަގުބޮޑު ބްރޭންޑެއްކަމަށްވާ ގޫޗީގެ އައުޓްލެޓްތަކުން ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށަން ތައްޔާރުވެއްޖެއެވެ.

ގޫޗީގެ ފިހަރާތަކުން ކްރިޕްޓޯކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާ ބަލައިގަންނަން ފަށަން ތައްޔާރުވެފައިވާއިރު، ދުނިޔޭގެ އެހެން ބައެއް ބޮޑެތި ބްރޭންޑްތަކުންވެސް ދަނީ ވިޔަފާރީގެ މުއާމަލާތްތަކުގައި ކްރިޕްޓޯކަރަންސީ ބޭނުންކުރަމުންނެވެ.

ގޫޗީން ބުނީ އެމެރިކާގައި ހިންގާ އެ ބްރޭންޑުގެ ފިހާރަތަކުން ކްރިޕްޓޯކަރަންސީ ބަލައިގަންނަން ވަރަށް އަވަހަށް ފަށާނެކަމަށެވެ. އެގޮތުން ބިޓްކޮއިން، އެތީރިއަމް، ލައިޓްކޮއިން އަދި އެނޫންވެސް ބައެއް ކްރިޕްޓޯކަރަންސީ ބަލައިގަންނާނެކަމަށް ގޫޗީން ބުނެއެވެ.

ގޫޗީން ބުނީ މިމަހު ފަހުކޮޅު އެ ބްރޭންޑުގެ ބައެއް ފްލޭގްޝިޕް އައުޓްލެޓްތަކުން ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށާނެކަމަށާއި، އޭގެތެރޭގައި ލޮން އެންޖަލެސްގެ މަޝްހޫރު ރޮޑިއޯ ޑްރައިވް އަދި ނިއުޔޯކް ސިޓީގެ ވޫސްޓަރ ސްޓްރީޓްގައި ހުރި އައުޓްލެޓްތައް ހިމެނެއެވެ.

ގުޗީން ބުނީ ކުރިއަށް އޮތްތަނުގައި އުތުރު އެމެރިކާގައި ހިންގާ ހުރިހާ އައުޓްލެޓްތަކުން ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށާނެކަމަށެވެ.

ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށާން ގޫޗީން ތައްޔާރުވެފައިވާއިރު، މަޝްހޫރު ބައެއް ބޮޑެތި ކުންފުނިތަކުން މިހާރުވެސް ދަނީ ކްރިޕްޓޯކަރަންސީ ބަލައިގަންނަންމުންނެވެ. އޭގެތެރޭގައި މައިކްރޯސޮފްޓް، އޭޓީއެންޓީ އަދި ސްޓަރބަކްސް ހިމެނެއެވެ.

ބައެއް ޤައުމުތަކުންވެސް މިހާރު ވަނީ ލީގަލް ޓެންޑަރެއް ނުވަތަ އެ ޤައުމުތަކުގައި ބޭނުންކުރެވޭ ފައިސާއެއްގެ ގޮތުގައި ކްރިޕްޓޯކަރަންސީ ހަމަޖައްސާފައެވެ. އެޤައުމުތަކުގެ ތެރޭގައި އެލް ސަލްވެޑޯއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ހިމެނެއެވެ.

ނަމަވެސް ދުނިޔޭގެ ބައެއް މާލީ އިދާރާތަކުން ދަނީ ކްރިޕްޓޯކަރަންސީ ގެންގުޅުމާއި ދެކޮޅު ހަދަމުންނެވެ.