ވިޔަފާރި

ތައިލޭންޑް ޑައިވް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި، ތަފާތު ތަޖުރިބާތައް ތައިލޭންޑް ޑައިވް އެކްސްޕޯގައި އެމްއެމްޕީއާރުސީން އިޝްތިހާރުކުރަން ފަށައިފިއެވެ.

ބޭންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މި ހަރަކާތް ކުރިއަށް ދާނީ މިމަހުގެ 5 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތައިލޭންޑް ޑައިވް އެކްސްޕޯއަކީ އެޤައުމުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ޑައިވިން، އަދި އަންޑާވޯޓަރގެ އެކި ހިދުމަތްތަކާއި، އުފެއްދުންތައް ވިއްކާ، އަދި ގަންނަން ބޭނުން ފަރާތްތައް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ.

މި އިވެންޓުގައި ދުނިޔޭގެ އެކި މަންޒިލްތަކާއި، ޑައިވް އަދި މޫދު ކުޅިވަރުގައި ބޭނުންކުރާ އެކިއެކި އާލާތްތައް އުފައްދާ ފަރާތްތައް، ޑައިވް ރިޒޯޓްތަކާއި، ޓޫރިސްޓް ބޯޑުތަކާއި، މެރިން ކޮންޒަވޭޝަން އަދި ޑައިވިން އޯގަނައިޒޭޝަންތައް ބައިވެރިވެއެވެ. މި ހަރަކާތުގެ ޒަރިއްޔާއިން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކޮށް ނެޓްވޯކްކުރުމުގެ ފުރުސަތު ލިބެއެވެ. މި އިވެންޓުގައި ތައިލޭންޑުގެ ޓޫރިޒަމް އެޖެންސީތަކާއި، ލޯކަލް ޑައިވް ރިޒޯޓް، ޑައިވް އޮޕަރޭޓަރުން، ޑައިވް ސްކޫލް، އަދި ބޯޓު ބަންނަ ކުންފުނިތަކުގެ އިތުރުން ދުނިޔޭގެ ޑައިވް އިންޑަސްޓްރީއާ ގުޅުން ހުރި ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީ ޕާޓްނަރުން މި އިވެންޓުގައި ބައިވެރިވަމުން ދަނީ ދެކުނު އިރުމަތީ އޭޝިއާ ނުވަތަ ދެކުނު އިރުމަތީ އޭޝިއާ މާކެޓުގެ ފަތުރުވެރިންގެ ތެރެއިން ޑައިވްކުރުމާއި، ކަނޑުއަޑީގެ އެކި ކުޅިވަރުތައްކުޅެ ތަޖުރިބާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގާ ރީތި ޑައިވް ސައިޓްތައް ހުރިކަން އަންގައިދީ، ރާއްޖެއިން ލިބެން ހުންނަ މޫދުކުޅިވަރުގެ ތަޖުރިބާތައް ޕްރޮމޯޓުކުރުމުގެ މަޤްސަދުގައެވެ.

މި ހަރަކާތުގައި ސައުތު އޭޝިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ހިއްސާކުރެވޭނެއެވެ.