ސިޔާސީ

ހަމަލާގެ ޝަރީއަތް ދިގުލާނަމަ ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެ: އައްބާސް


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ދިގުލައިގެންދާނަމަ، ޖިނާއީ އަދުލުގެ ނިޒާމަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަމަށް މި ހަމަލާގެ ޝަރީއަތް ހިނގާ ނުހިނގާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

ރައީސްގެޚާއްޞަ މަންދޫބު، އައްބާސް ފާއިޒު މިހެން ވިދާޅުވީ މޭ 6 ހަމަލާއަށް 1 އަހަރު ފުރުމާއި ދިމާކޮށް ނެރުއްވި ބަޔާނުގައެވެ.

އައްބާސްގެ ބަޔާނުގައި ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް އަހަރު ދުވަސްވީއިރު، މި ޙަމަލާއާ ގުޅިގެން ތަހުޤީޤު މަރުހަލާގެ ކަންކަން ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ގެންގޮސްފައިވާކަމަށެެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް މި ޙަމަލާއަށް ފަންޑު ކުރި މީހުން ހޯދުމުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިނުވާކަމަށް ވިދާޅުވެ، އައްބާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އައްބާސް ވިދާޅުވީ، އޭނާއާ ޙަވާލުކޮށްފައިވާ މަސައްކަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ ފުރިހަމަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް ނަޝީދަށް ދިން ޙަމަލާގައި ބައިވެރިވި މީހުންގެ ތަޙުޤީޤު މަރުޙަލާތަކާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އަދި ތަފްޞީލީ ރިޕޯޓްތަކެއް ހެދުމަށް މަގުފަހިވެގެންދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ.

6 މެއި 2021ގެ ޙަމަލާއާ ގުޅިގެން އައްބާސް ނެރުއްވި ބަޔާނުގައި މި ހަމަލާގެ ތަޙުޤީޤު މަރުހަލާއާއި، ދަޢުވާކުރުމާއި، ޝަރީޢަތުގެ މަރުޙަލާގައި އޭނާއަށް ފާހަގަކުރެވުނު މުހިއްމު ކަންކަން ހިއްސާކުރައްވާފައިވެއެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން ޖިސްމާނީ ހަމަލާގެ ތަޙުޤީޤާއި، މިކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަޙުޤީޤުތައް ކޮށްފައިވަނީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ތުޙުމަތުކުރެވޭ ފަރާތްތަކާދެކޮޅަށް ހަރުދަނާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ދަޢުވާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައިވާކަމަށާއި، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކިހުރިތޯ ޕްރޮސިކިއުޓަރ އޮފީހުން ބަލާފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ޙަމަލާގެ އަސްލު މަޤްޞަދާއި، ހަމަލާ ރާވާ ދިނުމުގައި އެންމެ އަޑީގައި ތިބި، އަދި މިކަމަށް ޚަރަދުކުރި މީހުން މިހާތަނަށްވެސް ހޯދިފައިނުވާތީ، އެކަމުގެ ކަންބޮޑުވުން އައްބާސް ފާޅުކުރައްވާފައިވެއެވެ. އެހެންކަމުން ފުލުހުން ކުރަމުންދާ މަސައްކަތްތައް ދެގުނައަށް އިތުރުކޮށް، ތަޙުޤީޤުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ފުޅާކުރަންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޙަމަލާގެ އަޑީގައި ތިބި، އަދި މިކަމަށް ޚަރަދުކުރި މީހުން ހޯދުމަކީ މިފަދަ ޙަމަލާއަކުން ކުރިއަށްއޮތްތަނުގައި ސިޔާސީ ފަރާތްތަކާއި، އަދި އާއްމު ރައްޔިތުން ރައްކާތެރިކޮށްދޭނެ ކަމެއްކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސްގެ ބަޔާނުގައި ރައީސް ނަޝީދަށް ދިން ޙަމަލާގެ ތަޙުޤީޤުކުރުމާއި ދަޢުވާއުފުލުމުގެ މަރުޙަލާގެ ޓައިމްލައިނާ އެއްގޮތަށް ޝަރީޢަތްތައް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި މި ޝަރީޢަތްތައް އިތުރު ލަސްތަކެއްނުވެ ކުރިއަށްގެންދިއުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މިފަދަ މުހިއްމު ޝަރީޢަތެއް ލަސްވުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރު ކުޑަވެ، ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށްވެސް އައްބާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.