ޚަބަރު

ހުއްޓާ ނުލާ ރާއްޖެ އިޝްތިހާރު ކުރަން ޖެހޭ: މިނިސްޓަރ މައުސޫމް


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށްޓަކައި ހުއްޓުމެއްނެތި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ މައުސޫމް ވިދާޅުވީ ކޯވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ރިކަވަރީ ކުރިއަށްދާއިރު މިސިނާއަތް ކުރިއެރުވުމަށް މަސައްކަތްތައް ކުރަން ޖެހޭކަމަށެވެ. އެގޮތުން ކޯވިޑަށް ފަހު އާންމު ހާލަތެއްގައި ގިނަ ޤައުމުތައް އޮތްއިރު ހުރިހާ ގައުމަކުންވެސް މަސައްކަތްކުރަމުންދަނީ އެގައުމަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ކަމަށެވެ. އެހެންކަމުން އިތުރު ބާރެއް ލައި ވަރުބަލިކަމެއް ނެތި ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރުސީން ރަނގަޅު މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި މިދިޔަ އަހަރަށްވުރެ މިއަހަރު އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ރަނގަޅުވަމުން އަންނަކަމަށެވެ. އަދި މިއީ ރާއްޖެ އިޝްތިހާރު ކުރަން ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރްސީގެ އިތުރަށް ރާއްޖެ މާކެޓުކުރުމަށް މިހާރު ފޮރިން މިނިސްޓްރީން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަމަށެވެ. އަދި މިހާރު އިސްކަން ދޭންވީ ދިވެހިން ފަތުރުވެރިކަމުގެ އެކިކަންކަމުގައި ބައިވެރިވޭ މިންވަރު އިތުރުކުރަން ކަމަށާއި ފޮރިން އިންވެސްޓް ކުރާއިރު ދިވެހިންވެސް ބައިވެރިވެގެން އިންވެސްޓް ކުރުމަށްކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އެގޮތުން މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިނގިރޭސި ވިލާތުންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.

މިއަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުކަމަށް ވުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިފަހަރު 1.6 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ.